ޚަބަރު

މާޅޮހުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަމަހު ފެށޭނެ: އެމްޑަބްލިއުއެސްސީ


ފެނާ ނަރުދަމާ ނެތް ރަށްތަކުގައި އެޙިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއްވައުދެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިމަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ބ.އަތޮޅުގައިވެސް ފެނާއި ނަރުދަމާ ނެތް ރަށްރަށުގައި އެމަސައްކަތް ކުރަމުންދާއިރު، އަނެއްބައި ރަށްތަކުގައި މަސައްކަތް ފެށުމަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެއަތޮޅުގައި އެންމެ އަވަހަށް މިކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނީ މާޅޮހުގައެވެ. އެގޮތުން ފެނާއި ނަރުދަމާއާ ގުޅޭ މައުލޫމާތު ދިނުމަށް ރޭ އެރަށުގައި ވަނީ ހާއްސަ ބައްދަލުވެއްވެސް ބާއްވާފައެވެ.

ބ.މާޅޮހުގައި ފެނާ ނަރުދަމާ މަސައްކަތާ ގުޅޭ މައުލޫމާތު ޙިއްސާކުރަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާޙް ވިދާޅުވީ މިރަށުގައި މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ސާވޭއެއްކޮށް ނިމިފައިވާކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާރު އެރަށުގައި ކުރަމުންދަނީ އެއްޗެހި ރައްކާކުރާނެ ސައިޓް ހެދުމުގެ މަސައްކަތްކަމަށާ، މިކަމުގެ އަމަލީ މަސައްކަތް ފެށުމަށް ސަބްކޮންޓްރެކްޓަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ޝާޙް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މި މަސައްކަތަށް ރާއްޖެއިން ބޭރުން ގެންނަ ޖެހޭ ސާމާނު ހުރުމުން އެތަކެތި ގެނައުމުގައި ލަސްތެކެއް ދިވާވުމާ ގުޅިގެން މަސައްކަތް ފެށުން ލަސްވިކަމަށެވެ. އެހެން ނަމަވެސް މިތަކެތި ލިބި އަމަލީ މަސައްކަތް ފެށުމުން މެދުކެނޑުމެއް ނެތި މިމަސައްކަތް ނިންމާލާނެކަމުގެ ޔަގީންކަން އެކުންފުނިން ދޭކަމަށް ޝާޙް ވިދާޅުވިއެވެ.

"ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމަށްވާތީ މިބަލަނީ ސަރުކާރާ މި ކުންފުންޏާ ގުޅިގެން މިތަކެތި އަވަހައް ރާއްޖެ ގެނެވޭނެ ގޮތްތަކެއް ވޭތޯ، ލަފާކުރެވޭގޮތުން މި މަސައްކަތައް ބޭނުންވާ ހޮޅި އާ ފިޓިންގްސް މިމަހު ފަހުކޮޅު ރާއްޖެއަންނާނެކަމަށް މިބަލަނީ، އަދި އައުމާއެކު ރައްތަކަށް ސަޕަލައި ކޮށް އަމަލީ މަސައްކަތް ފެށިގެން ދާނެ" ހަސަން ޝާޙް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާ ގުޅައިދިނުމަށް ވަނީ ހަމަޖެހިފައިވެ. ފެނުގެ ނިޒާމްގެ ދަށުން މިރަށުގައި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ. އަދި ފެން ރައްކާކުރުމަށް 310 ކިއުބިކް މީޓަރުގެ ދެ ތާނގީއާ ވާރޭފެން ރައްކާކުރުމަށް 740 ކިއުބިކް މީޓަރުގެ ތާންގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ނަރުދަމާގެ މަސައްކަތަށް ބަލާއިރު 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އެރަށުގައި ޤާއިމްކޮށް، ޕަންޕް ސްޓޭޝަނަކާ 144 ސްވަރޭޖް މެއިން ހޯލް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގައި 800 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ މާޅޮހަކީ ވާރޭ ވެހިއްޖެނަމަ ފެންބޮޑުވާ ރަށަކަށްވުމުން ފެނާ ނަރުދަމާގެ މަސައްކަތުގެ ދަށުން އެރަށު ކައުންސިލާ ގުޅިގެން މަގުތަކުގައި ހެދޭ ފެން ހިންދުމަށް ހާއްސަ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

540 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް އެމްޑަބްލިއުއެސްސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ހަވާލުކުރެވުނު މަސައްކަތެކެވެ. މިމަސައްކަތްތައް ނިންމަން ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހަށެވެ.

ހަސަން

??