ޚަބަރު

މާމެންދޫގެ ވާރޭފެނުގެ ނިޒާމު ފެނަކައަށް، އިތުރު މަޝްރޫޢުތަކެއް މިއަހަރު ފެށޭނެ: މިނިސްޓަރ


ގއ.މާމެންދޫގައި ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ރަށްރަށުގައި ވާރޭފެނުގެ ނިޒާމް ޤާއިމްކުރުމުގެ މިމަސައްކަތަކީ ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

މާމެންދޫގައި ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަންއެވެ. ފެނަކައިގެ ފަރާތުން މިނިޒާމާއި ހަވާލުވެވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިމަޝްރޫޢަކީ ސަރުކާރުން މުޅި ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ރޭވި ކުރިއަށް ގޮސްފައިވާ މަޝްރޫޢެއްކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް ކުރެވިފައިވާ ގޮތަށްބަލާއިރު، ނަރުދަމާގެ މަސައްކަތް ކުރާއިރުވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއަކީ ގްރީން ކްލައިމެޓް ފަންޑާއި، ޔޫއެންޑީޕީއާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދެވިފައިވާ މަޝްރޫޢެއްކަމަށެވެ. މި މަޝްރޫއަށް 4.9 މިލިޔަން ރުފިޔާ ޚަރަދު ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާމެންދޫގައި ނިމިފައިމިވާ މިމަޝްރޫޢުގެ އިތުރުން އެރަށުގައި އިރުގެ އަލިން ކަރަންޓު ފޯރުކޮށް ދިނުމަށް، ސޯލާ ޖެހުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށެވެ. އަދި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ދަތިތަކަށްވެސް ހައްލު ގެނެސްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައާއި އުދައެރުމުގެ މައްސަލަ ހައްލު ކުރުމަށް ޑިޒައިން ކުރެވި މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މާމެންދޫގައި މިދިޔަ އަހަރު މަސައްކަތް ނިމިފައިވާ ވާރޭފެނުގެ ނިޒާމު ފެނަކައާއި ހަވާލުކުރުމަށް މާމެންދޫގައި ބޭއްވި ޚާއްސަ މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަންއައި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަ އަހުމަދު ސައީދުގެ އިތުރުން އެދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.