ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިން ޖެހި މީހުންގެ ޢަދަދު 123،000އިން މައްޗަށް


ރާއްޖެއިން އިތުރު 6،550 މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހައިފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ވެކްސިން ޖެހި 6،550 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 123،665އަށް އަރާފައެވެ.

މިދިޔަ 24ގަޑިއިރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގެ ސެންޓަރުގަތަކުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަތޮޅުތަކުން 4،445 މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި މީހުންގެ ޢަދަދަކީ 2،105އެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 44،309އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަ 79،356އެވެ.

ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ނަމަވެސް އުމުރުން 18 އަހަރާ 20 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ޖެހޭނެއެވެ.

ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ޖަހަންޖެހެނީ 8 ހަފްތާ ފަހުންނެވެ.