ކްލަބް މޯލްޑިވްސް އިން މިއަހަރަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޓްސަލް ސީޒަނުގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.
ކުލަބު މޯލްޑިވްސް އާއި ޕީއެސްއެމްއާ ދެމެދު މިއަދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ކުލަބު މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުލަބު މޯލްޑިވްސްގެ ވައިސް ޗެއާރމަން އިބްރާހިމް އަޝްރަފްއެވެ. އަދި ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސޭލްސް މާރކެޓިންގ އެންޑް ކޮމާރޝަލް ކޮމިއުނިކޭޝަންގެ ހެޑް އިބްރާހީމް ރަމީޒެވެ.
ކުލަބު މޯލްޑިވްސްއިން އިންތިޒާމުކުރާ ފުރަތަމަ މުބާރާތްކަމަށްވާ ކިންގްސް ކަޕް މިމަހުގެ ތިރީސްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީ އަދި ޕީއެސްއެމް އެއަރ މެދުވެރިކޮށް ލައިވް ސްޓްރީމްކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ކުލަބު މޯލްޑިވްސްއިން މިއަހަރަށް ރާވާފައިވާ އިތުރު ފަސް މުބާރާތްކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ، 18/30 ކްލަސިކް، ކްލަބް މޯލްޑިވްސް ކްލަސިކް އަދި ސެކްޓަރ ލީގުވެސް ޕީއެސްއެމްގެ ޔެސް ޓީވީ އަދި ޕީއެސްއެމް އެއަރ މެދުވެރިކޮށް ލައިވް ސްޓްރީމްކުރުމަށްވަނީ ހަމަޖައްސާފައެވެ.
މިމަހުގެ ތިރީސްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކުލަބް މޯލްޑިވްސް ކަޕް ބަލާ ފަރާތްތަކަށް އެންމެ މޮޅު ޓީމާއި ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތުވެސް ޕީއެސްއެމް އެއަރ މެދުވެރިކޮށް ހުޅުވާލާނެއެވެ. އަދި މިމުބާރާތާއެކު ބެލުންތެރިންނަށް ޕީއެސްއެމްއިން އިތުރު ފުރުސަތުތައްވެސް ހުޅުވާލާލުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތްތަނުގައި އެކަމުގެ ތަފްސީލުތައް ހާމަކުރަމުންދާނެކަމަށް ޕީއެސްއެމްއިން ވަނީ ހާމަކޮށްފައެވެ.
ކުލަބު މޯލްޑިވްސް ފުޓްސަލް ސީޒަން މިމަހުގެ 30 އިން ނޮވެމަބަރުމަހުގެ 07 ވަނަ ދުވަހަށް ކުރިއަށްދާނެއެވެ. މިއީ މިގޮތަށް ރާއްޖޭގައި ބޭއްވޭ އެންމެ ގިނަދުވަސްވީ ފުޓްސަލް މުބާރާތެވެ. މިއަހަރު ކުލަބު މޯލްޑިވްސްގެ 20 ވަނަ ސީޒަން ކުރިއަށްދާއިރު، ހާހަކަށްވުރެ ގިނަ ކުޅުންތެރިން މިއަހަރުގެ ހަ މުބާރާތުން ވިދާލާނެއެވެ.