ޚަބަރު

ޕުޓިންއާއި ޓްރަމްޕްގެ ބައްދަލުވުމުގެ ކުރިން ހަނގުރާމަ ހުއްޓުވުމާ ގުޅޭ ގޮތުން ވިލާތާއި ޔޫކްރެއިންގެ ޝަރުޠުތައް


ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ގޮތުން އެ ދެ ޤައުމުން އަމަލު ކުރަން ޖެހޭނެ ކަންކަން ކަމުގައި ބުނެ، ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ބާރުތަކާއި ޔޫކްރެއިނުން ޝަރުޠުތަކެއް ހުށަހަޅައިފިއެވެ. ވިލާތުގެ ބާރުތަކުގެ ވެރިންނާއި ޔޫކްރެއިންގެ ރައީސްގެ ޝަރުޠުތައް ހުށަހަޅުއްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ. ވިލާތާއި ޔޫކްރެއިނުން ޝަރުޠުތަކެއް ހުށަހަޅާފައި މި ވަނީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ވިލާތާއި ޔޫކްރެެއިންގެ ޝަރުޠުތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަަޓްޒް ވިދާޅުވީ، އެ ޝަރުޠުތައް ބިނާ ކޮށްފައި ވާނީ ޔޫކްރެއިންގެ އިތުރުން ވިލާތުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި މަސްލަހަތު ޙިމާޔަތް ކުރުމުގެ މައްޗަށް ކަމުގައެވެ. ވިލާތާއި ޔޫކްރެއިންގެ ޝަރުޠުތައް ޓްރަމްޕަށް ހުށަހަޅާފައި ވަނީ އެ ޤައުމުތަކުގެ ވެރިންނާއި ޓްރަމްޕާ ދެމެދު ވީޑިޔޯ މެދުވެރިކޮށް ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ.

ހަނގުރާމަ ހުއްޓުވުމާ ގުޅޭ ގޮތުން ޕުޓިންއާއި ޓްރަމްޕް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 15ވަނަ ދުވަހުއެވެ. އެ ބައްދަލުވުން އޮންނާނީ އެމެރިކާގެ އެލެސްކާގައެވެ. މިއީ، 2021ވަނަ އަހަރަށް ފަހު އެ ދެ ބޭފުޅުންގެ ދެމެދުގައި ބާއްވާ މި ފަދަ ފުރަތަމަ ބައްދަލުވުމެވެ. ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

"އަޅުގަނޑުމެން [ޓްރަމްޕަށް] ވަރަށް ސާފު ކޮށްދީފިން، އިތުރު ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޔޫކްރެއިނަށް އޮންނަން ޖެހޭނެ ކަން. މަޝްވަރާތައް ކުރިއަށްދާން ޖެހޭނީ ރަނގަޅު ތަރުތީބުން ކަން، އެންމެ ފުރަތަމަ ކަމަކީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުން ކަން،" މެޔަޓްޒް ވިދާޅުވިއެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތަކުގެ މިލްކުވެރިކަމާ މެދު މަޝްވަރާ ކުރުމަށް ޔޫކްރެއިނުން ތައްޔާރަށް އޮތް ކަން ވެސް މެޔަޓްޒް ހާމަކުރެއްވިއެވެ. ނަމަވެސް، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ބިންތައް ޤާނޫނީ ގޮތުން ބަލައިގަތުމަށް ޔޫކްރެއިނުން ދެކޮޅު ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް އެމެރިކާއިން އިސްނަގައިގެން ކުރާ މަސައްކަތްތަކަށް ވިލާތުގެ ޤައުމުތަކުގެ އެއްބާރުލުން ލިބޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ ވިލާތާއި ޔޫކްރެއިނާ އެކު ބޭއްވި ބައްދަލުވުން ކާމިޔާބު ކަމަށް

ވިލާތުގެ ބާރުތަކުގެ ވެރިންނާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވިއެވެ. "[ޕުޓިންއާ އެކު ބާއްވާ] ފުރަތަމަ ބައްދަލުވުން ކާމިޔާބުވެއްޖެ ނަމަ، ވަރަށް އަވަހަށް ދެވަނަ ބައްދަލުވުމެއް ބާއްވާނަން. އަޅުގަނޑު ބޭނުމީ ވަގުތުން ދެވަނަ ބައްދަލުވުމެއް ބޭއްވުން، ރައީސް ޕުޓިންއާއި ރައީސް ޒެލެންސްކީއާއި އަޅުގަނޑާ (އެ ބޭފުޅުން ބޭނުންފުޅުވާ ނަމަ) އެކު ދެވަނަ ބައްދަލުވުމެއް ބޭއްވުން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވަނީ ޕުޓިންއަކީ ހީލަތްތެރި ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޕުޓިން ޙަޤީޤަތުގައި ބޭނުންފުޅުވާ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އޭނާ ވަނީ ޕުޓިންއާއި ޓްރަމްޕްގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު އޭނާއަށް އަރުވާފައި ނުވާތީ އެ ކަމާ މެދު ވެސް ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. "ޔޫކްރެއިންގެ ކުރިމަގާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރަން ޖެހޭނީ ޔޫކްރެއިންގެ ބައިވެރިވުމާ އެކު. އަޅުގަނޑުމެން ތައްޔާރުވާންވީ ތިން ފަރާތުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް،" ޒެލެންސްކީ ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެޚްރޮން ވިދާޅުވީ، ޕުޓިންއާއި ޓްރަމްޕާ ދެމެދު އެލެސްކާގައި ބާއްވާ ބައްދަލުވުމުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމަށް ބޭނުންފުޅުވާ ކަން ޓްރަމްޕް ސާފު ކޮށްދެއްވާފައިވާ ކަމުގައެވެ. "ދެވަނަ ކަމަކީ، [ޔޫކްރެއިންގެ ބައިވެރިވުމާ ނުލައި] ޔޫކްރެއިންގެ ބިންތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާ ކުރުމެއް ނޯންނާނެ ކަން ޓްރަމްޕް ޤަބޫލުފުޅު ކުރައްވާ، އޭނާ އެ ފަދަ ކަމެއް ކުރައްވާނީ ޔޫކްރެއިންގެ ރައީސްގެ ބައިވެރިވުމާ އެކު،" މެކްޚްރޮން ވިދާޅުވިއެވެ.

ޕުޓިންއާއި ޓްރަމްޕާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީީތައް ކުރަމުންދާ މި ދަނޑިވަޅުގައި ވެސް ރަޝިޔާގެ ފައުޖުތަކުން ދަނީ ހަނގުރާމައިގެ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބައި އޮތީ ރަޝިޔާގެ ލަޝްކަރުގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ގިނަ ރަށްތަކެއް ހިމެނެއެވެ.