ކުޅިވަރު

ގައުމީ އެތުލެޓިކްސް މުބާރާތް: މެންސް ޓްރިޕްލް ޖަމްޕް ރަން މެޑަލް ލޫތަށް


މާލޭ ކުޅިވަރު އެކުވެނީގައި މިހާރު ކުރިއަށްދާ 34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތުގެ މެންސް ޓްރިޕްލް ޖަމްޕު ކެޓަގަރީން ރަން މެޑަލް ލޫތު މުހަންމަދު ފައިޒާން ޞާބިގު ހޯދައިފިއެވެ.

މި އިވެންޓުގެ ރަން މެޑަލް އޭނާ ހޯދާފައިވަނީ 11.69 މީޓަރަށް ފުންމައިގެންނެވެ. މިމުބާރާތުގައި އޭނާ ވާދަކުރަމުން އަންނަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުންނެވެ.

މި އިވެންޓުގެ ރިހި މެޑަލް ދިވެހި ސިފައިންގެ ކުލަބުގެ މުހަންމަދު ޖައިލަމް ވަލީދު ހޯދާފައިވާއިރު، އޭނާ ފުންމާފައި ވަނީ 11.39 މީޓަރަށެވެ. އަދި 11.06 މީޓަރަށް ފުންމައިގެން މި އިވެންޓުން ލޯ މެޑަލް ހޯދާފައި ވަނީ ނަސީރު ސްޕޯޓްސް ކުލަބުގެ އެތުލީޓު އަޝްޔަމް އައިމަން ޢަބްދުﷲއެވެ.

މެންސް ޓްރިޕްލް ޖަމްޕު ކެޓަގަރީގެ ގައުމީ ރިކޯޑާއި މީޓް ރިކޯޑު މިވަގުތު ދަމަހައްޓަމުން އަންނަނީ އަހުމަދު ފާއިލްއެވެ. އޭނާ މި ރިކޯޑް ހަދާފައި ވަނީ 12.76 މީޓަރަށް ފުންމައިގެންނެވެ.

34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގައި 20 ކުލަބަކުން 204 އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ.