ރާއްޖެއިން އިތުރު 165 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން 20،144 މީހުންނަށް މިވަނީ ކޯވިޑް ޖެހިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 165 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 132 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން 13 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،144އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 127 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 17،470އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2605 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 186 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،970 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިވަނީ 532،816 އަރާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 62 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.