ތަރައްްޤީ

ހޯރަފުށީ އެއަރޕޯޓާއެކު އިހަވަންދިއްޕޮޅަށް އުފާވެރިކަން - ތަރައްޤީ މެކުހަށް


ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

މި އަމާޒަށް ވާޞިލުވުމަށްޓަކާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީީގެ އެކި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރާއްޖޭގެ އެއްވެސް އަތޮޅެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މިކަން އެންމެ ރަނގަޅަށް ފެނިގެންދާ އެއް އަތޮޅަކީ ރާއްޖޭގެ އެންމެ އުތުރުން ތިލަދުންމަތީ އުތުރުބުރި ނުވަތަ ހއ. އަތޮޅެވެ.

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށެއް އޮންނައިރު، މުޅި އަތޮޅުގެ އާބާދީ 23،000 އަށްވުރެ މައްޗެވެ. ހއ. އަތޮޅުގެ އެންމެ އާބާދީ ބޮޑުރަށުން ފެށިގެން އެންމެ މީހުން މަދުން ދިރިއުޅޭ ރަށުގައިވެސް ޢުމްރާނީ ތަރައްޤީއާއި ރައްޔިތުންގެ އަސާސީ ބޭނުންތަކާގުޅުންހުރި އެތައް މަޝްރޫޢެއް މި ސަރުކާރުގެ ތެރޭގައި ދަނީ ހިންގަމުންނެވެ.

ފާއިތުވި ދެ އަހަރަށް ބަލާއިރު ޕީ.އެސް.އައި.ޕީ ބަޖެޓުން ތަފާތު އެކި މަޝްރޫޢުތައް ހިންގުމަށް 416 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަަރަދުކޮށްފައެވެ. ހއ. އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ 668 ދަރިވަރަކު އަންނަނީ ސަރުކާރުން ކުރިއަށްގެންދާ ފަސްޓް ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ހިލޭ ޑިގްރީ ފެންވަރަށް ކިޔަވަމުންނެވެ. ކޯވިޑް-19ގެ ސަބަބުން ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 885 ފަރާތަކަށް 13.4 މިލިއަން ރުފިޔާ ސަރުކާރުން ދީފައިވެއެވެ. ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 18 ފަރާތަކަށް 32 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވެއެވެ. މިއަހަރުގެ ބަޖެޓަށް ބަލާއިރުވެސް، ހއ. އަތޮޅަށް 102 މަޝްރޫޢެއް ހިންގުމަށް ޕީ.އެސް.އައި.ޕީގެ ތެރެއިން 678 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މުހިއްމު ވަޢުދުފުޅުތަކެއް ވެވަޑައިގެންފައިވާއިރު، އޭގެ ތެރެއިން މުޅި އަތޮޅުވެސް އެންމެ އިންތިޒާރުކުރަމުންދިޔަ އެއްކަމަކީ ހޯރަފުށީ އެއަރޕޯޓެވެ. ރައްޔިތުންގެ މި އިންތިޒާރަށް ނިމުމެއް ގެނެސް، މި ސަރުކާރުން ހޯރަފުށީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާ، އެތަނަށް ދަތުރުތައް ވަނީ ފަށާފައެވެ. 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު، މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. އަދި 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސަރވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ. މި އެއަރޕޯޓަކީ އިހަވަންދިއްޕޮޅުގެ ތަރައްޤީގެ ފެށުންކަމުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށްޓަކާ ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީން "ރަށްވެހި ފަތިސް"ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންދަވަނީ ބައިވެރިވެވަޑައިގެން، އެކި އަތޮޅުތަކުގެ ވަކިވަކި ރަށްރަށުގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާއި އެ ރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތަކާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވަމުންނެވެ. އަދި އެ ރަށްރަށުގައި ހިންގާ އެކި މަޝްރޫޢުތަކާއި ރަށްރަށުގެ ތަރައްޤީއަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުތައް ހާމަކުރައްވަމުންނެވެ.

ހއ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ގިނަ ރަށްރަށުން ވަނީ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން ލަފާފުރުމުގައި ހުރި ދަތިތަކާއި ބޯހިޔާވަހިކަމާ ގުޅުންހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިކަންކަން ރައީސް ގެންދެވީ ވަރަށް ކަނުލާ އަޑުއައްސަވަމުންނެވެ. އަދި އެކި ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބު އެމަނިކުފާނު ގެންދެވީ ސާފުކޮށްދެއްވަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ބައެއް މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި :

- ހއ. ތުރާކުނު ބިން ހިއްކުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތް ކުރިއަށްދަނީ
- ހއ. އުލިގަމު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ޓެންޑަރ މަރުޙަލާގައި
- ހއ. މޮޅަދޫ ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެ، ފެނާއި ނަރުދަމާ ކުރިއަށް އޮތް 2 މަހެއްތެރޭ ބަޔަކާ ޙަވާލުކުރެވޭނެ
- ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢު ޑިޒައިން މަރުޙަލާގައި، ރަށުގެ ބިމުގެ ޕްލޭން ނިންމާ، ފަތުރުވެރިކަމަށް ބިން ދޫކުރާނެ ސަރަހައްދުތައް ވަނީ ކަނޑައަޅާފައި.
- ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ޕްރިއޯރިޓީ ލިސްޓުގައި ހިމަނާ، އެމް.ޓީ.ސީ.ސީއާއި އެ މަސައްކަތް ވަނީ ޙަވާލުކޮށްފައި
- ހއ. ކެލާ ފެނާއި ނަރުދަމާގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވެލުއޭޝަންތައް ނިމި ޓެންޑަރ މަރުޙަލާގައި
- ހއ. ދިއްދޫ ހޮސްޕިޓަލް އިމާރާތްކުރަން މާރިޗުމަހު އަލުން އިޢުލާންކޮށް، ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދަނީ
- ހއ. މާރަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމުކުރުމުގެ މަޝްރޫޢު މިއަހަރަށް ނިމޭނެ
- ހއ. ފިއްލަދޫއާއި ގުޅިފައިވާ ދައްޕަރު ރިއަލް އެސްޓޭޓް އުޞޫލުން ފަތުރުވެރިކަމަށް ދޫކުރުމަށް ބޭނުންވާ ޕްލޭން ހެދުމުގެ މަސައްކަތް ދަނީ ކުރަމުން
- ހއ. ތަކަންދޫ ބަނދަރު ނެރުފައިކަށި ރަނގަޅުކުރުމުގެ މަސައްކަތް ފުރަތަމަ ކުއަރޓަރގައި ބަޔަކާ ޙަވާލުކުރާނެ
- ހއ. އުތީމުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ އެވޯޑްކޮށް ޢަމަލީ މަސައްކަތް ކައިރި މުސްތަޤުބަލެއްގައި ފެށޭނެ
- ހއ. މުރައިދޫ ބަނދަރުގެ މަސައްކަތް ފުރަތަމަ ކުއަރޓަރގައި ބަޔަކާ ޙަވާލުކުރެވޭނެ، ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް މާރިޗުމަހު ފެށުމަށްދަނީ ތައްޔާރުވަމުން
- ހއ. ބާރަށު ނެރު ފުންކުރުމުގެ މަސައްކަތް ކޮންސެޕްޓް ޑިޒައިންކޮށް ފުރަތަމަ ކުއަރޓަރގައި ބަޔަކާ ޙަވާލުކުރަނީ

މީގެ އިތުރުންވެސް އިހަވަންދިއްޕޮޅަށް ފަތުރުވެރިކަން ތަޢާރަފުކުރުމަށް ބޭނުންވާ ޕްލޭންތައް މިހާރު ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކުނީގެ މައްސަލަ ހައްލުކުރުމަށް އޯފިޑްގެ އެހީގައި ސަރުކާރުން ހިންގާ މަޝްރޫޢުގެ ތެރޭގައި ހއ. ގެ ގިނަ ރަށްތަކެއް ހިމެނޭކަން ފާހަގަކުރައްވާ، އޯފިޑްގެ އެޕްރޫވަލް އެ މަޝްރޫޢަށް ލިބުމާއެކު ކުނީގެ މައްސަލައަށް އެކަށީގެންވާ ހައްލުތަކެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޢަމަލީ މަސައްކަތް ފެށުމަށްފަހު، މަސައްކަތް ހުއްޓިފައިވާ މަޝްރޫޢުތައް އަލުން މަސައްކަތް ފަށާ، ވީހާވެސް އަވަހަށް އެ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.