ޚަބަރު

ދައުލަތުން ބަލަހައްޓާ ކުދިންނާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރަންޖެހޭ - ޖެންޑަރ މިނިސްޓްރީ


އެކި ސަބަބުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލްސާވިސްގެ ބެލުމުގެ ދަށަށްގެންދެވޭ ކުޑަކުދިންޏާ މެދު މުޖުތަމަޢުގެ ބައެއް މީހުން ދައްކާ ވާހަކަތަކާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދައުލަތުން ބަލަހައްޓާ ކުދިންނަށް އިޖްތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ "އަމާން ވެށި"ތަކަށް އެކުދިން ބަދަލުކުރާއިރު، ބައެއް މީހުން އެފަދަ ކުދިންނާމެދު ނޭދެވޭ ވާހަކަތައް ދައްކަމުންދާކަން ޖެންޑާ މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެކި ޙާލަތްތަކާ ގުޅިގެން ދައުލަތުން ބަލަމުން ގެންދާ ކުޑަކުދިން ޢާއިލީ ވެއްޓެއްގައި ރައްކާތެރިކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޤާނޫނުގެދަށުން ދައުލަތުގެ މައްޗަށް ލާޒިމް ކުރެއެވެ. މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސްއިން ނެރުނު ނޫސްބަޔާނުގައި ވަނީ، ދައުލަތުން ބަލަހައްޓާ ކުދިން މީގެކުރިން ބަލަމުން ގެންގޮސްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި އެކަމަށް ހާއްސަކޮށް ޤާއިމްކޮށްފައިވާ މަރުކަޒުތަކެއްގައި ކަމަށާ، މިހާރު އެކަން ބަދަލުކުރައްވަމުންދާކަމަށެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނާ ޚިލާފާށް ބައެއް މީހުން މައުލޫމާތު ފަތުރަމުން ދިއުމަކީ މުޖްތަމަޢުން އެކުދިންނާ ދޭތެރޭ ދެކޭގޮތް ބަދަލުވެދާނެކަމެއްކަމަށް އެމިނިސްޓްރީން ދެކެއެވެ. އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނާ ޚިލާފާށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެމިނިސްޓްރިންވަނީ އިލްތިމާސް ކުރައްވާފައެވެ.

ދައުލަތުން ބަލަހައްޓާ ކުދިންނާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް މުޖްތަމައުގައި ފަތުރައި އެކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ޝުއޫރުތައް ފާޅުކުރަމުން ދެއެވެ. މިފަދަ ބައެއްކަންކަން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށްވެސް އައިސްފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޢުމުރުން 18 އަހަރުވަންދެން މަންމައާއި ބައްޕަ ނުވަތަ އާއިލާއާ ކާއެކު ބޮޑުވާ ކުދިންނެކޭ އެއްގޮތަށް ދައުލަތުން ބަލަހައްޓާ ކުދިންނަށްވެސް ބޭނުންވާ ކަންތައްތަކެއް ހުންނާނެކަމަށް ޤަބޫލުކުރަން ޖެހެއެވެ.

ޖެންޑަރ މިނިސްޓްރީގެ ނޫސްބަޔާނުގައިވަނީ އަތޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަމާން ހިޔާތަކަށް ކުދިން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކުރިމަތިވާ ދަތިތައްވެސް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެމިނިސްޓްރީން އަޅުއްވަމުންދާކަމަށެވެ.

ދައުލަތުން ބަލަހައްޓަމުންދާ ކުދިންނަށް ބަލާއިރު އެކުދިންގެ ޙަޔާތުގައި ކުރިމަތިވެފައިވާ ބައެއް ޙާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން ބައެއް ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ޖެންޑާ މިނިސްޓްރީން ފާހަގަކުރައްވައެވެ. އެމަސައްކަތްތަކެއް ދައުލަތުގެ ފަރާތުން ކުރައްވަމުންދާއިރު، އެކުދިން މުޖްތަމައުއަށް ނެރުމުގައި ކުރާ މަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަންވެސް އެމިނިސްޓްރީން ފާހަގަކުރައްވައެވެ.

މިވަގުތުވެސް 222 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށްގެނެސް އަންނަނީ ބަލަމުންނެވެ. އެއީ 112 ފިރިހެންކުދިންނާ 110 އަންހެން ކުދިންނެވެ. މީގެ ކުރިން މިހުރިހާ ކުދިން ބަލަމުން ގެންދިޔައީ ހުޅުމާލެއާ ވިލިމާލޭގައި ހަދަފައިވާ ޚާއްސަ މަރުކަޒުތަކެއްގައެވެ.

އެހެންނަމަވެސް އެކުދިން މުޖުތަމައުއިން ބާކީވުމުގެ އިޙްސާސް ވިޔަނުދިނުމުގެ ގޮތުން އަތޮޅުތަކުގައި ޤާއިމްކޮށްފައިހުރި "އަމާން ވެށި"ތަކަށް ކުދިން ބަދަލުކުރަން ފެށިއެވެ. މިމަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 24ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މިގޮތަށް ކުދިން ބަދަލުކޮށްފައިވަނީ ބ.އޭދަފުށީގައި ހަދާފައިވާ މަރުކަޒަށެވެ.