ޚަބަރު

ރާއްޖޭގައި އިތުރު ފްލައިން ސްކޫލްތައް ޤާއިމުކުރުމަށް 2 ކުންފުންޏަކުން ކުރިމަތިލަނީ


ރާއްޖޭގައި އިތުރު 2ފްލައިން ސްކޫލް ޤާއިމުކުރުމުގެ މަސައްކަތް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ޙަރަކާތްތެރިވާ ދެކުންފުންޏަކުން ފަށައިފިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިލާ އެއާރއާއި މަންޓާ އެއަރއިންވަނީ މިމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ފްލައިން ސްކޫލް ތަރައްޤީކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިވަގުތުވެސް ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ދެކުންފުންޏެއްކަމަށްވާ ވިލާ އެއާރއާއި މަންޓާ އެއަރގެ ފަރާތުންނެވެ.

ވިލާރ އެއަރގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޝިދު ވިދާޅުވީ ވިލާ ކޮލެޖާ ވިލާ އެއަރ ގުޅިގެން ފްލައިން ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށެވެ. އެގޮތުން ވިލާއެއަރގެ ފްލައިން ސްކޫލް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ މާމިގިލީގައިކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ހުއްދަތަށް ރާއްޖޭގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ހޯދުމަށްފަހު މިއަހަރުގެ މޭއިމަހުގެ ފުރަތަމަ ދުވަހު ފްލައިން ސްކޫލް ހުޅުވުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ހުރި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންގެ ކިޔެވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ އެތަނުގައި ކިޔަވަމުން އަންނަ ކުދިންނަށް މި ފްލައިން ސްކޫލްތަކުން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ވިލާއެއަރގެ އެމްޑީ ނާޝިދު ވިދާޅުވީ އެކުދިންނަށް ބޭނުންވާ ފުރުސަތުތައް ވިލާއެއަރއިން ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވަމުން ދިވެހި ދަރިވަރުންގެ ކިޔެވުން ހުއްޓިގެންދިޔަ ނުދެއްވާނެކަމުގެ ޔަގީންކަންވެސް ނާޝިދުވަނީ ދެއްވާފައެވެ.

ވިލާއެއަރގެ އިތުރުން ރާއްޖޭގައި އިތުރު ފްލައިންގ ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތްކުރައްވަމުން އަންނަނީ މަންޓާ އެއަރއިންނެވެ. މަންޓާ އެވިއޭޝަން އެކަޑަމީގެ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ މަންޓާގެ ފްލައިން ސްކޫލް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދ.ކުޑަހުވަދޫގައިކަމަށެވެ. އަދި އެކަމަށްޓަކާ ސިވިލް އެވިއޭޝަންގެ ފަރާތުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރުކުރައްވަމުން އަންނަކަމަށެވެ. މިމަސައްކަތް ނިންމާ މިއަހަރު ނިމޭ ހިސާބުގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފްލައިން ސްކޫލް ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެވިއޭޝަން ދާއިރާއިން ވަރުގަދަ އިންސްޓިޓިއުޓެއް އުފެއްދުމަކީ އަމާޒެއްކަމަށް މަންޓާއިން ވިދާޅުވެއެވެ.

މިދެކުންފުނީގެ ފަރާތުން ރާއްޖޭގައި ފްލައިންގ ސްކޫލް ޤާއިމުކުރުމަށްޓަކާ ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން މޯލްޑިވްސް ސިވިލްއެވިއޭޝަން އޮތޯރިޓީއިންވަނީ ޔަޤީން ކޮށްދެއްވާފައެވެ. އަދި ފްލައިން ސްކޫލް ޤާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކާ ކުންފުނިތަކުގެ އެޕްލިކޭޝަންތައް އަވަސް ސްޕީޑެއްގައި ކުރިއަށްގެންދިޔުމަށް ސިވިލް އެވިއޭޝަނުން އެކުންފުނިތަކަށް ބޭނުންވާ މަޢުލޫމާތު ހއިްސާކޮށް އެކަންކަން އެންމެ އަވަސް ގޮތެއްގައި ކުރެވޭނެ ގޮތްތައް ކުންފުނިތަކަށް އޮޅުންފިލުއްވަދީ ވީއެންމެ އަވަހަކަށް ކުންފުނިތަކަށް ހުއްދަ ދޫކުރުމަށް ނިންމާފައިވާކަމަށްވެސް ސިވިލް އެވިއޭޝަނުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ އެތަނުގައި ކިޔަވަމުން އަންނަ ކުދިންގެ ކިޔެވުމަށް ބުރޫއަރާ އެކުދިންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން އެމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މިމައްސަލަ އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުންވެސް އަންނަނީ ކުރައްވަމުންނެވެ. އަދި މިދަނޑިވަޅުގައި ރާއްޖޭގައި އިތުރު ފްލައިން ސްކޫލްތަކެއް ޤާއިމުވެގެންދިޔުމަކީ މިމައްސަލައަށް ޙައްލުލިބި ރާއްޖޭގައި ޕައިލެޓުކަން ކިޔެވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.