ކޯވިޑް-19

"މި ޙާލަތުގައިވެސް މަތީ ތަޢުލީމަށް ސަރުކާރުން ކުރާ ހޭދައަށް ބަދަލެއް ނާދޭ"


ކޯވިޑް-19އާއެކު އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، މަތީ ތަޢުލީމާއި މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ ހޭދައަށް ބަދަލެއް އައިސްފައިނުވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، "އެސް.ޑީ.ޖީ ފޯކަސް - ހަޔަރ އެޑިއުކޭޝަން އިން ސައުތު އޭޝިއާ"ގެ ނަމުގައި ކުރިއަށްދިޔަ ވެބިނަރގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ވެބިނަރއަކީ ސާކްގެ ޤައުމުތައް ގުޅިގެން އުފައްދާފައިވާ ސައުތު އޭޝިއަން ޔުނިވަރސިޓީއާއި، ދަ ބްރިޖް ޕްރޮޖެކްޓްއިން އިންތިޒާމްކޮށްގެން ބޭއްވި ވެބިނަރއެކެވެ.

މި ވެބިނަރގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، އެއްވެސް ތަފާތު ކުރުމެއްނެތި ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އަސާސީ ހައްޤެއްކަމަށާއި، ތަޢުލީމީ ޖީލެއް ބިނާކުރުމަކީ ސުލްހަވެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅިލާމެހިފައިވާކަމެއްކަމަށެވެ. އަދި ފުރިހަމަ ތަޢުލީމަކާއެކު ޒިންމާދާރު މުޖުތަމަޢުއެއް ބިނާކުރެވި، ޢިލްމާއި، ހުނަރާއި، ހޭލުންތެރިކަން އިތުރުވެ، ދިރިއުޅުމުގައި ހަރުދަނާ ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި މަތީ ތަޢުލީމުގެ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ދާއިރާއެއްކަމަށެވެ. އެގޮތުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނާއި، ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ނަރސަރީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ހިލޭ ތަޢުލީމު އުނގެނުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީފައިވުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ލިބުނު ކުރިއެރުމެއްކަމަށާއި، އެސް.ޑީ.ޖީގެ އެހެން ހުރިހާ ލަނޑުދަނޑިތަކެއް ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތްތައް ބަރޯސާވެގެންދާނީ ތަޢުލީމީ ދާއިރާއާއި ދުޅަހެޔޮ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތަޢުލީމީ ދާއިރާއިން ޙާޞިލުކުރުމަށް އަމާޒުހިފާފައިވާ އެސް.ޑީ.ޖީތަކަށް ވާޞިލުވުމަށް ކުރާ މަސައްކަތުގެ ދަށުން ޓާގެޓް 4 ކަމަށްވާ ބޭބީ ނަރސަރީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައި. އަދި ސަރުކާރުގެ ފަސްޓް ޑިގްރީ ޕްރޮގްރާމަކީވެސް މިގޮތުން ލިބުނު ކުރިއެރުމެއް. ރާއްޖޭގައި ޕްރައިމެރީ އަދި ސެކަންޑްރީ ތަޢުލީމު ފޯރުކޮށްދެވެނީ ހުރިހާ ކުދިން ޝާމިލުވާހެން، ތަފާތުކުރުމެއްނެތި ރަނގަޅު ފެންވަރެއްގައިތޯ ކަށަވަރުކުރުމަށް އަދިވެސް މިދަނީ މަސައްކަތްކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އާއެކު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާކަން ފާހަގަކުރައްވާ، ދިމާވި ގޮންޖެހުންތަކާއެކުވެސް ތަޢުލީމު އުނގެނުމުން ކުދިން މަހުރޫމްވިޔަ ނުދީ، ކަންކަން ކުރިއަށްގެންދެވޭކަމީ ލިބޭ ހިތްހަމަޖެހުމެއްކަމަށް މިނިސްތަރ ވިދާޅުވިއެވެ. އަދި އިޤްތިޞާދީގޮތުން ޤައުމަށް ކުރިމަތިވި ދަތިތަކާއެކުވެސް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކާއި ދަރިވަރުންނަށް އެހީވުމަށް ކުރިއަށްގެންދާ ސްކީމްތަކަށް ކުރާ ޚަރަދުތައް ސަރުކާރުން ކުޑަކޮށްފައިނުވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭން ބޭރުގައި އަމިއްލަ ޚަރަދުގައި ކިޔަވަންގޮސްތިބި ދަރިވަރުންނަށްވެސް މާލީ އެހީދީފައިވޭ. ސްޓޫޑެންޓް ލޯނުގެ ދަށުން ކިޔަވަމުންދާ 6500 އަށްވުރެ ގިނަ ދަރިވަރުންގެ ލޯންތައް ދެއްކުން ފަސްކޮށްދިނިން. އަދި 9000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ފަސްޓް ޑިގްރީ ގްރާންޓް ސްކީމާއި ސަރުކާރުން ފަންޑްކޮށްގެން ކުރިއަށްގެންދާ ސްކޮލަރޝިޕް ޕްރޮގްރާމްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދިޔަ. އަދި މި ހަފްތާގެ ތެރޭގައި ވަނީ އެއްވެސް އިންޓްރެސްޓްއަކާ ނުލާ ކުރިއަށްގެންދާ ސްޓޫޑެންޓް ލޯން ސްކީމަށް 770 ދަރިވަރަކަށް ކުރިމަތިލުމަށްވެސް ހުޅުވާލާފައި. ރާއްޖޭގައި ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމާއި، އެ ދާއިރާއަށް ކުރާ އިންވެސްޓް އިތުރުކުރާތީ އެމަނިކުފާނަ ޚާއްސަ ޝުކުރެއް ދަންނަވަން" މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19 އާއެކު ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ޓެކްނޮލޮޖީއާއި އީޖާދީ އައު އުފެއްދުންތަކާއި ވިސްނުންތަކުގެ މުހިއްމުކަމާއި ބޭނުންތެރިކަން އިތުރުވެގެންގޮސްފައިވާކަމަށެވެ. އަދި ތަޢުލީމީ ދާއިރާއިންވެސް މި ބަދަލުތަކެއް ގެންނަންޖެހޭކަން ހާމަވެގެންދިޔައެވެ. މިނިސްޓަރ ވިދާޅުވީ، އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތާއި އެކުއެކީހެން އެކި ދާއިރާތަކުން ތަމްރީނާއި ހުނަރު ލިބިފައިވާ ޖީލެއް ބިނާކުރުމަކީވެސް މުހިއްމުކަމެއްކަމަށެވެ. މަތީ ތަޢުލީމުގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ކުރިއަރުވާ، ތަޢުލީމާއި ހުނަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރަޙައްދީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް މި ވެބިނަރގައި މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.