ތިމާވެށި

10 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ އެއްބަސްވުމުގައި އެރަށް ރަށުގެ ކައުންސިލްތަކާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ސޮއިކޮށްފިއެވެ.

ވަރޗުއަލްކޮށް ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. އަދި ކައުންސިލްތަކުގެ ފަރާތުން މަންދޫބުން ވަނީ ސޮއިކުރައްވާފައެވެ. 10 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ 2021 ވަނަ އަހަރުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީގެ ތެރެއިން ޚަރަދުކުރުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.

ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ސޮއިކުރި ރަށްތަކަކީ :

  • ހއ. އިހަވަންދޫ، ހއ. ދިއްދޫ
  • ހއ. ވަށަފަރު، ހއ. އުތީމު
  • ހދ. ނައިވާދޫ، ހދ. ހަނިމާދޫ
  • ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ
  • ށ. ނަރުދޫ، ގދ. ތިނަދޫ


އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، މި 10 ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް ޖުމްލަ 9،144،896.00 (ނުވަ މިލިއަން އެއްލައްކަ ސާޅީސް ހަތަރުހާސް އަށްސަތޭކަ ނުވަދިހަ ހަ) ރުފިޔާ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ ލަފާ ކައުންސިލްތަކަށް މިނިސްޓްރީން ފޯރުކޮށްދޭނެކަމަށާއި، މީގެ ޓެންޑަރިން މަސައްކަތް ކުރާނީ ސީދާ ކައުންސިލްތަކުގެ ފަރާތުންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއްނެތުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވީ ކުނިތަކެއް ނައްތައިނުލެވި އެބަހުރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާއެވެ. މީގެ ތެރެއިން އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސްދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާއި ސަރުކާރުން ހަވާލުކުރުމުން ވެމްކޯއިން މިހާރުވަނީ އެމަސައްކަތް ފަށާފައެވެ.

ރަައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުނީގެ މައްސަލަ ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ 3 ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.