ވިޔަފާރި

ކޯވިޑާއި ގުޅިގެން އަންހެނުންފުށި ގަމީރާއަށްވެސް ބޮޑު ގެއްލުމެއް


މީގެ 14 ވަރަކަށް އަހަރު ކުރިން ބ.އަންހެނުންފުށި ކުއްޔަށް ނަގައިގެން އެރަށުގައި ދަޑުވެރިކަން ކުރާ އއ.ތޮއްޑޫއަށް އުފަން ގަމީރާ އާދަމްއަކީ ހިތްވަރުގަދަ ނަމޫނާ ކަނބަލެކެވެ. ދަނޑުވެރިކަމުގެ ދާއިރާއިން 2009 ވަނަ އަހަރު ގައުމީ އިނާމް ހާސިލްކޮށްފައިވާ ގަމީރާ އަކީ ހިތްހެޔޮ މަޑުމައިތިރި މަސައްކަތުގައި ފަސްނުޖެހޭ އަންހެނެވެ.

ފަޅުރަށެއްގައި ދަނޑުވެރިކަން ކުރަންފެށުމުގެ ކުރިން އުފަން ރަށް ތޮއްޑޫގައިވެސް ދަނޑުވެރިކަން ކުރި ގަމިރާ ބުނީ ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން އޭނާގެ ވިޔަފާރި ދުވަހަކުވެސް ދަށަށް ނުދާވަރަށް ދަށަށް ދިޔަކަމަށާއި ދަނޑުބިންތައް ހަލާކުވެ 3 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބުނުކަމަށެވެ.

ގަމީރާ ހައްދާ ބާވަތްތައް މާކެޓް ކުރަނީ ރިސޯޓްތަކަށާ މާލެއަށެވެ. މަދުންނަމަވެސް ރާއްޖެގެ އެހެން އަތޮޅުތަކަށްވެސް މާކެޓްކުރެއެވެ. ކޯވިޑް 19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް ބަންދުވެ މާލެ ސަރަހައްދަށް އަރާ ފޭބުން މަނާ ކުރި ހިސާބުން ދަނޑުތަކުގައި 2020 ވަނަ އަހަރު ރޯދައަށް ހެއްދި ހުރިހާ ބާވަތެއް އެއްކޮށް ހަލާކުވެގެން ދިޔަކަމަށް ގަމީރާ ބުންޏެވެ.

"ކޯވިޑްއާ ގުޅިގެން ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު، ރިސޯޓްތައް ހުއްޓިގެން ދިއުމާ ގުޅިގެން ދަނޑުވެރިކަން ހަމައެއްކޮށް ހުއްޓުމަކަށް އައި މިކަމާ ގުޅިގެން ދަނޑުވެރިކަންވެސް މުޅިން ބަދަލު ކުރަންޖެހުނު ގެނެސްފައި ހުރިހާ ގަސްކާނާތަކެއް ހަލާކުވެ ދަނޑުބިންތަކުގައި ވާ ބޯވެ. ހެއްދި ހުރިހާ ބާވަތެއް ބިމަށް ފަނާވާތަން ބަލަން ތިބެން ޖެހުނީ" ކުރިއަށް މިއޮތް ރޯދަމަހަށް ތައްޔާރުވަމުންދާ ގަމީރާ ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވުމާއެކު ވިޔަފާރި ރަގަޅުވާނެކަމަށް އުންމީދު ކުރި ގަމީރާ ބުނީ ރާއްޖޭގެ ދަނޑުވެރިން ހައްދާ ބާވަތްތައް ރިސޯޓްތަކަށް ގަންނަ ވަރު މިހާރު މަދުކަމަށެވެ. އަދި ރާއްޖެއިން ލިބެން ހުންނަ ބާވަތްތައް ބޭރުން އެތެރެ ކުރުމަކީ މިވިޔަފާރިން ނަފާ ހޯދާ ފަރާތްތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ގަމީރާ ބުންޏެވެ. ގަމީރާ ބުނީ ރިސޯޓްތަކަށް ވިއްކާ ތަކެތީގެ ފައިސާ ނުލިބި ލަސްވުމަކީ ވަކިން ހާއްސަކޮށް މިދުވަސްވަރު ދިމާވާ ދަތިކަމެއްކަމަށް ގަމީރާ ބުންޏެވެ.

މުވައްޒަފުންގެ ގޮތުގައި 30 ވުރެ ގިނަ ބިދޭސީންނާ ދިވެހިންގެންގުޅޭ ގަމީރާ ބުނީ ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ވިޔަފާރިއަށް ލިބުނު ގެއްލުމުން އަރައި ގަތުމަށް މަދުވެގެން 3 ވަރަކަށް އަހަރު ނަގާނެކަމަށެވެ. އަދި މިކަމުން އަރައި ގަނެވޭނީ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިން ހައްދާ ބާވަތްތައް ރާއްޖެއިން ބޭރުން އެތެރެކުރުން މަދުކޮށްގެންކަމަށްވެސް ގަމީރާ ބުންޏެވެ.

ކޯވިޑްއާ ގުޅިގެން ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކަށްވެސް ގެއްލުން ލިބިފައިވާއިރު، އެގެއްލުމުން އަރައިގަތުމަށް ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކޯވިޑްއާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް 500 މިލިއަން ރުފިޔާއަށްވުރެ ގިނަ ލޯނު ދޫކޮށްފައިވާއިރު، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މީގެއިތުރުން ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައްވެސް ބެންކުތަކުން ވަނީ ފަސްކޮށްދީފައެވެ.