ޚަބަރު

ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިމިއްޖެ


ބ.އަތޮޅު ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށިލާ ނިމިފައިވާކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މޯލްޑިވްސް ޓްރާސްޕޯޓް ކޮންޓޭކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބަނދަރު ހެދުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މިގޮތުން އެއްގަމު ތޮށިލުމާއި، 18500 ކިޔުބިކް މީޓަރުގެ ސަރަހައްދު ފުންކުރުމާ، އެބަނދަރަށް ވަދެ ނުކުމެވޭނެގޮތަށް 214 މީޓަރުގެ ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފެހެންދޫގައި 130 މީޓަރުގެ ސަރަހައްދެއްގައި އެއްްގަމު ތޮށިލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމްންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުމުގެ އިތުރުން، ބަނދަރު ހިމެނޭ ސަރަޙައްދުގައި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގެ ދަށުން އެރަށުގައި ކުރެވިގެންދާނެއެވެ.

މިމަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 45.1 މިލިއަން ރުފިޔާއަށެވެ.