ތަރައްްޤީ

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް، ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފި


ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފިއެވެ.

‏މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އޯ.އޯ ޝާހިދު ޙުސެއިން މޫސާއެވެ.

މި މަޝްރޫޢުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 326 މީޓަރުގެ އެއްގަމުތޮށި ހެދުމާއި، 616 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 185 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 174 މީޓަރުގެ ނެރު ފައިކަށި ޖެހުމާއި، 2 ނެރުބައްތި ޖެހުމާއި، 58 މީޓަރު ގްރޮއިން ޖެހުމާއި، 40 މޫރިންގް ބޮއި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ބޭރުތޮށީގެ ބަނދަރާވީ ފަރާތުގައި ދެ ކޮންކްރީޓް ޖެޓީ އެޅުމާއި، ރޭމްޕް ހެދުމާއި، 45 ބަނދަރު ބައްތި ޖެހުމާއި، 4320 ސްކުއަރ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 69.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

5 ހާހާއި ގާތްކުރާ އަދަދެއްގެ އާބާދީއެއް އޮންނަ ހއ. ދިއްދޫގައި މިވަގުތުވެސް އުމްރާނީ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ.