ކޯވިޑް-19

ކޯވިޑް-19 : ވެކްސިން ޖެހި މީހުންގެ ޢަދަދު 16،000އިން މައްޗަށް


ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހި މީހުންގެ ޢަދަދު 16،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފަައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެކަނިވެސް 3،306 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން ޖެހި ދުވަހެވެ.

ރާއްޖޭގައި ވެކްސިން ޖަހަންފެށިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 16،251 އަކަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖެހީ 2،792 މީހުންނެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 13،418 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން 514 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 2،833 އަކަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް ގްރޭޓަރ މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 21 ސެންޓަރެއްގައި ވަނީ ފަށާފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވަނީ ވެކްސިން ޕްރޮގްރާމަށް އާއްމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސޯޝަލް ސެންޓަރަށް އެކަނިވެސް ދުވާލެއްގެ މައްޗަށް ވެކްސިން ޖެހުމަށްދާ ފަރާތްތަކުގެ ޢަދަދު އިތުރުވެފައިވާއިރު، އެތަނުގެ އިންތިޒާމްތައް ފަސޭހަކުރުމަށްޓަކާ ކިއު ސިސްޓަމެއް މިހާރު ތަޢާރަފުކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން، ސައިޑް އިފެކްޓްސް ފެނިގެން ކޮންމެވެސް ވަރަކަށް ރިޕޯޓްތައް ލިބިފައިވާކަމަށާއި، އޭގެތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި އަދި ވެކްސިން ޖެހި ތަނަށް ތަދުވުންފަދަ ކަންކަން ހިމެނޭކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އެހެންނަމަވެސް ވެކްސިންގެ ސަބަބުން އިތުރު އުނދަގުލެއްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ޙާލަތަށް އެއްވެސް ފަރާތެއް ނުދާކަމަށް އެ ސެންޓަރުން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. އެހެންނަމަވެސް އިތުރު ވެކްސިންތައް ރާއްޖެއަށް ގެނެއައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.