ޚަބަރު

ދަރަނބޫދޫ އަދި ވޭވަށު ބަނދަރު މޭމަހަށް، ގުރައިދޫ ބަނދަރު ޖޫންމަހަށް ނިމޭނެ


ތ. ގުރައިދޫ، ފ. ދަރަނބޫދޫ އަދި މ. ވޭވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭ ނިންމާލެވޭނެކަމަށް މި 3 މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

މި 3 މަޝްރޫޢުގެވެސް ޢަމަލީ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

މި 3 މަޝްރޫޢުގެ ތެރެއިން ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތްކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ މެއިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، 46600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭއެވެ. މިއީ 38.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމް.ޓީ.ސީ.ސީން ބަނދަރު ހެދުމުގެ މަސައްކަތް ދެން އެންމެ ބާރަށް ކުރިއަށްދާ އެއް ރަށަކީ މ. ވޭވަށެވެ. ވޭވަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މިހާރު ކުރިއަށްދަނީ ބޭރުތޮށިލުމުގެ މަސައްކަތްކަމަށާއި، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް %70 ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. މި މަޝްރޫޢުވެސް މިއަހަރުގެ މެއިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިއީ 48.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ތ. ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތްވެސް ކުރަމުންދަނީ އެމް.ޓީ.ސީ.ސީންނެވެ. މި މަޝްރޫޢުގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 63 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 25 އިންސައްތަ ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މިއަހަރުގެ ޖޫންމަހަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

ތ. ގުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، 24,485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މި މަޝްރޫޢަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމް.ޓީ.ސީ.ސީން މިވަގުތު އަންނަނީ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި 41 މަޝްރޫޢެއް ހިންގަމުންނެވެ. ކޯވިޑް-19ގެ ޙާލަތާއެކުވެސް ނިމުނު 2020 ވަނަ އަހަރަކީ އެމް.ޓީ.ސީ.ސީގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 34 މަޝްރޫޢެއްގެ މަސައްކަތް އެކުންފުނިން ފުރިހަމަކޮށްފައިވެއެވެ.