ކޯވިޑް-19

ކޯވިޑް-19 : ވެކްސިން ޖަހަންފެށިތާ ހަފްތާއެއް، 9000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި


ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ޖުމްލަ 2898 މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދީފައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން ދިން ދުވަހެވެ. ރާއްޖޭގައި ވެކްސިން ޖަހަންފެށިތާ މިއަދަށް ހަފްތާއެއްވެފައިވާއިރު، ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 9،752 އަކަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖެހީ 2،375 މީހުންނެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 7،963 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން 523 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 1،789 އަކަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 6 ސެންޓަރަކާއި، އަތޮޅުތަކުގެ 14 ސެންޓަރެއްގައި ވަނީ ފަށާފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ވެކްސިން ޕްރޮގްރާމަށް އާއްމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބެމުންދާކަމަށެވެ.

އެގޮތުން ސޯޝަލް ސެންޓަރަށް އެކަނިވެސް ދުވާލެއްގެ މައްޗަށް ވެކްސިން ޖެހުމަށްދާ ފަރާތްތަކުގެ ޢަދަދު އިތުރުވެފައިވާއިރު، އެތަނުގެ އިންތިޒާމްތައް ފަސޭހަކުރުމަށްޓަކާ ކިއު ސިސްޓަމެއް މިހާރު ތަޢާރަފުކޮށްފައިވާކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން، ސައިޑް އިފެކްޓްސް ފެނިގެން ކޮންމެވެސް ވަރަކަށް ރިޕޯޓްތައް އެ ސެންޓަރަށް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި އަދި ވެކްސިން ޖެހި ތަނަށް ތަދުވުންފަދަ ކަންކަން ހިމެނޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންނަމަވެސް ވެކްސިން ދިން ފަރާތްތަކުގެ ތެރެއިން، ވެކްސިންގެ ސަބަބުން އިތުރު އުނދަގުލެއްވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ޙާލަތަށް އެއްވެސް ފަރާތެއް ނުދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އިއްޔެގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހި މީހުންގެ ތެރެއިން 2 މީހަކު ކަރުތެރެއަށް އުނދަގޫވުމާއި، ހިތްއަވަސްވުމާއި މިކަހަލަ ބައެއްކަންކަން ފެނުނުކަން. އެ 2 ފަރާތަށްވެސް ވަނީ އެތަނުގައި ފަރުވާދެވިފައި. މިގޮތަށް މަދުމަދުން އަޅުގަނޑުމެންނަށް ފެންނަމުންގެންދޭ. އެހެންނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ވަރަށް އެއްވެސް ކަހަލަ ރިއެކްޝަނެއް އައި ފަރާތެއް އަދި މިހާތަނަށް އިރާދަކުރެއްވިއްޔާ ފާހަގަކުރެވިފައެއްނެތް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19ގެ ވެކްސިން ކަވަރޭޖް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ. އެހެންނަމަވެސް ވެކްސިނާއެކުވެސް ކޯވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަނުކުރުމަށް ޑރ. ނަޒްލާ ވަނީ އާއްމުންގެ ކިބައިން ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. އެހެންނަމަވެސް އިތުރު ވެކްސިންތައް ރާއްޖެއަށް ގެނެއައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.