ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތްތައް މިއަހަރުގެ ނޮވެމްބަރުމަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމް.ޓީ.ސީ.ސީން މިހާރު ދަނީ ފަރެސްމާތޮޑާ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ އެންމެ ފަހުން ރާއްޖޭގައި ތަރައްޤީކުރަން ފެށި އެއަރޕޯޓްއެވެ. މިތަނުގެ މަސައްކަތަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނުނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. ދިގު މުއްދަތަކަށްފަހު ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މި ރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ.
އެއަރޕޯޓްގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން އެރަށަށް ގޮސް މިހާރުވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ ރަންވޭ ހެދުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން ރަންވޭގެ ބޭސް ލޭޔަރުތައް އެޅުމަށް ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.
"ރިޔާސީ ބަޔާން 2021"ގެ ނަމުގައި ޕީ.އެސް.އެމް ނިއުސްއިން ކުރިއަށްގެންދާ ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެއަރޕޯޓުގެ މަސައްކަތްތައް އެއްކޮށް ނިންމާލުންކަމަށެވެ.
"ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްއެބަދޭ. މި އެއަރޕޯޓަކީވެސް ރިކޯޑް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ މަޝްރޫޢެއް. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހަށް އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއްވެސް ނިންމާލުން" އާޒިމް ވިދާޅުވިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި ޓެކްސީވޭއާއި ޕްލައިޓް ޕާކުކުރާ އޭޕްރަންއާއި ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން އެއަރޕޯޓަށް ދަތުރުކުރެވޭ ކައިރިމިނުގައި، ވައިގެ ދަތުރުގެ ނިޒާމު ޤާއިމުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުން މިދިޔަ އަހަރުވަނީ ރާއްޖޭގެ އިތުރު ތިން ރަށުގައިވެސް އެއަރޕޯޓް އެޅުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.