ކޯވިޑް-19

ކޯވިޑް-19 : ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއްކެވެ. އޭނާ ނިޔާވެފައިވަނީ މިރޭ 08:20 ހާއިރުކަމަށް އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ. މިއީ މިއަހަރު ފެށުނުފަހުން މިބަލީގައި ރާއްޖެއިން ނިޔާވި 6 ވަނަ މީހާއެވެ.

ކޯވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ ދިވެއްސެއް މިއަދު ނިޔާވެފައިވާއިރު، އިއްޔެވެސް ވަނީ މި ބަލީގައި ދިވެއްސަކު ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވާން ފަށާފައިވާއިރު، މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 16،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. އޭގެ ތެރެއިން 1879 ދަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 178 މީހަކަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 54އަކަށް އަރާފައިވާއިރު، އޭގެ ތެރޭގަިއ ހިމެނެނީ 46 ދިވެހިންނާއި 8 ބިދޭސީންނެވެ.