ޚަބަރު

ރަށްރަށަށް ވެކްސިން އުފުލުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާއިން ފަށައިފި


ކޯވިޑް-19ގެ ވެކްސިން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރަށްރަށަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާއިން ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން މިއަދުވަނީ ފަށާފައެވެ. މިއާއެކު ރަށްރަށަށް ފޯރުކޮށްދޭންޖެހޭ ވެކްސިންގެ ފުރަތަމަ ޑޯޒް ފޮނުވުމުގައި ސިފައިން ޙަރަކާތްތެރިވަމުން އަންނަކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.

ފްރޮންޓްލައިންގައި ގިނަ ޢަދަދެއްގެ ސިފައިން މަސައްކަތްކުރައްވަމުން އަންނައިރު ވެކްސިންގެ ފުރަތަމަ ޑޯޒް ސިފައިންނަށްވެސް ވަނީ ދޭން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ރަސްމީކޮށް ދޭންފެށި ދުވަހުވެސް ބައެއް އޮފިސަރުންނަށް ވެކްސިން ދީފައިވެއެވެ. އަދި މިހާރު ސެނެހިޔާގައި ސިފައިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިފައިން އަންނަނީ ސިއްޙީ ދާއިރާއާއި ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށަށް ކާޑު ފޮނުވައިދިނުމާއި ކޯވިޑް-19ގެ ބަލި ދެނެގަތުމަށް ސާމްޕަލްތައް ރަށްރަށުން މާލެ ގެނައުމާއި ބައްޔަށް ޕޮޒިޓިވްވާ މީހުން ތިބޭ އައިސޮލެޝަން ފެސިލިޓީތަކުގައިވެސް ސިފައިން އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތްތައް އެންމެ ވަރުގަދައަށް ކުރަމުން އަންނަ ހެލްތު އެމަރޖެންސީ ސެންޓަރުގައިވެސް ސިފައިން ގެންދަނީ ޙަރަކާތްތެރިވަމުންނެވެ.