ތިމާވެށި

ރާއްޖޭގެ ދިރޭތަކެތީގެ ސަރވޭތަކެއް އަންނަމަހު ފަށަނީ


ރާއްޖޭގެ ދިރޭތަކެތީގެ ސަރވޭތަކެއް ކުރުމަށް ތައްޔާރުވަމުންދާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

މި ސަރވޭތައް ކުރުމަށް އަރިއަތޮޅާއި ބ. އަތޮޅުގެ ރަށްތަކަށް އީ.ޕީ.އޭގެ ޓީމްތައް މިފެށޭ ފެބްރުއަރީމަހުގެ ތެރޭގައި ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

އީ.ޕީ.އޭގެ މަސައްކަތްތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އީ.ޕީ.އޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢިބްރާހީމް މުޙައްމަދު ވިދާޅުވީ، މި ސަރވޭތަކަކީ ރާއްޖޭގައި އެކިއެކި ދިރުންތައް ހުރި މިންވަރާއި، އެތަކެތީގެ ބާވަތްތައް ދެނެގަތުމަށް ކުރާ ސަރވޭތަކެއްކަމަށެވެ. އެގޮތުން މަހާއި، މުރަތަކާއި، ކަނޑުފަޅުގެ އެހެނިހެން ދިރުންތަކާއި، ދޫނިސޫފާސުއިތްޕާއި، ގަސްގަހާގެހީ ބާވަތްތަކާއި، އެތަކެތި ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް މި ސަރވޭތަކުން ކުރެވިގެންދާނެކަމަށް އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.

"މީގަ އަޅުގަނޑުމެން ބަލާނީ މަހުގެ ތެރޭގައި ރާއްޖޭގައި ހުރީ ކިތަށް ބާވަތްތައްތޯ، މުރަކައިގެ ކޮންވައްތަރުތަކެއްތޯ، ކިތަށް ބާވަތްތޯ. ދެން ދޫނިސޫފާސޫއްޕާތް، ގަސްގަހާގެއްސާ އަދި މޫދުގައި ހިމެނޭ އެހެނިހެން ދިރުންތަކުގެވެސް ތަފްޞީލުތައް ދެނެގަތުން. ހަޤީޤަތުގައި މީގެ ބޭނުމަކީ ދިވެހިރާއްޖޭގައި ހުރި ދިރުންތަކުގެ ސްޓޮކެއްނަގާ، އެދިރުންތަކަށް އަންނަ ބަދަލުތަކާ އެއްޗެހި ދެނެގަތުމަށް. އަހަރުން އަހަރަށް ސަރވޭތައް ކުރިއަށްގެންދިއުން" އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.

ރާއްޖޭގައި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް ބައެއް މީހުންގެ ވިސްނުން ހުންނަގޮތުންވެސް ބޮޑެތި ދަތިތަކެއްދިމާވާކަން އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް ޢިބްރާހީމް ނަޢީމް ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި، ރާއްޖެއަށް ހިޖުރަކުރާ އެކި ބާވަތްތަކުގެ ދޫނިސޫފާސޫފި ހިފާ، ބައެއް ފަރާތްތަކުން އެތަކެއްޗަށް ގެއްލުންދިނުމުގެ މައްސަލަ ފަހަކަށްއައިސް އިތުރުވެފައިވާކަމަށް ނަޢީމް ވިދާޅުވިއެވެ.

"ދޫނިތައް ހިޖުރަކުރާ ކޮރިޑޯރތަކާއި މަގުތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް، މިތަންތާނގައި ރޭންޖް ސްޓޭޓްއޭ މި ކިޔާ ރޭންޖުގެ ތެރޭގައި ހިމެނޭ ޤައުމުތަކުން އޮބްލިގޭޝަނެއްގޮތަށް ނޫނިއްޔާ ކޮންމެހެން ކުރަންޖެހޭ ކަމެއްގޮތަށް މިތަކެއްޗަށް ހިމާޔަތްދޭން އެބަޖެހޭ. އެހެންވީމަ މިހެން އަންނަ އައުމުގައި ރާއްޖެއަށް އަންނަ ހުރިހާ ދޫނިތަކެއް ދެން ދާންވާ މަންޒިލަށް ނުދެވި، ރާއްޖެއާއި ހަމައިން ދަތުރުނިމި، ހިފާ ކޮށްޓެގައި އިނދެ މަރުވެގެންދިޔައީމަ މިތަކެތީގެ އާބާދީ އަސްލު ވަރަށް ބޮޑަށް މަދުވެގެންދާނެ. މިހެން ހިޖުރަކުރަމުން އަންނަ ގިނަ ދޫންޏަކީ ރާއްޖޭގައި ބިސްއަޅާ ވިހާ އެއްޗެއްސެއްވެސްނޫން" ނަޢީމް ވިދާޅުވިއެވެ.

ރާއްޖޭގެ ދިރޭތަކެތީގެ ސަރވޭތަކެއް ކުރަން ފެށުމަށް އީ.ޕީ.އޭއިން ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ހިމާޔަތްކުރާ ދިރުންތަކާބެހޭ ޚާއްސަ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ. މި ޤަވާއިދުގެ ދަށުން، ހިމާޔަތްކޮށްފައިވާ ހުރިހާ ބާވަތެއް ބަލަހައްޓާ، އެތަކެއްޗާމެދު ޢަމަލުކުރާނެ ވަކި އުޞޫލުތަކެއް އާއްމުކުރާނެކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ. މިއާއެކު މިފަދަ ތަކެއްޗާމެދު މިހާރަށްވުރެ ބޮޑަށް އާއްމުން ހޭލުންތެރިކޮށް، މިދާއިރާއިން ކުރެވޭ މަސައްކަތްތައްވެސް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.