ކޯވިޑް-19

ކޮންމެ ވެކްސިނެއްވެސް އޭގެ ވަގުތުގައި ފުރިހަމަކުރުން މުހިއްމު - ޑރ. ނަޒްލާ


ކޮންމެ ވެކްސިނެއްވެސް އޭގެ ވަގުތުގައި ފުރިހަމަކުރުން މުހިއްމުކަމަށާއި، ނޫންނަމަ ނުރައްކާތެރި ބަލިތައް މުޖުތަމަޢުގެ ތެރޭގައި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިސީސް ކޮންޓްރޯލް އަދި ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުތައް މީގެކުރިންވެސް ލީޑްކުރައްވާފައިވާ ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ގައިންގަޔަށް އަރާ ނުރައްކާތެރި އެތައް ބައްޔެއް ވެކްސިން ޖަހައިގެން ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާކަމަށެވެ. އަދި ބައެއް ބަލިތައް އެއްކޮށް ނައްތާވެސް ލެވިފައިވާކަމަށެވެ. އޭގެ ތެރޭގައި ޕޯލިއޯ، ނިއުނެޓަލް ޓެޓްނަސް، ހިމަބަހި، ހޯގޮވާ ކެއްސުން އަދި ކަރުފޮޅުފަދަ ބަލިތައް ހިމެނޭކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މުޅި އާބާދީއަށް ވެކްސިން ދެވޭ ކަވަރޭޖް މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި މަތިިއިރު، މިކަން މިގޮތުގައި ދެމެހެއްޓުން ވަރަށް މުހިއްމުކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނޫންނަމަ މީގެކުރިން ނައްތާލެވިފައިވާ ބައެއް ބަލިތައްވެސް އަލުން މުޖުތަމަޢުގައި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށްވެސް ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

"ވެކްސިންޖަހާ މިންވަރު ދަށަށް ހިނގައްޖެއްޔާ މި ބަލިތައް އިތުރަށް އައިސް ފެތުރުމުގެ ފުރުޞަތު އޮންނާނެ. މިކަން 2020 ވަނަ އަހަރުގެ ކުރީކޮޅު ފެތުރުނު މީސަލްސް ނުވަތަ ހިމަބިހީގެ އައުޓްބްރޭކުންވެސް އަޅުގަނޑުމެންނަށް މިވަނީ ފާހަގަކުރެވިފައި. އެހެންވީމަ ކޮންމެ ވެކްސިނެއްވެސް އޭގެ ވަގުތުގައި ފުރިހަމަކުރެއްވުމަށް ސަމާލުކަން ދެއްވުމަކީ މި މުޖުތަމަޢު ބަލިތަކުން ރައްކާތެރިކުރުމަށް ވަރަށް މުހިއްމުކަމެއް" ޑރ. ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

ކޯވިޑް-19 ވެކްސިން ޖަހަން ފެށުމަށްޓަކައި ރާއްޖޭގައި ވަމުންދާ ތައްޔާރީތަކަށް ބަލާއިރު ވެކްސިން ރައްކާކުރުމުގައި ޢަމަލުކުރަންވީ މިންގަނޑުތަކަށް ބަލައި، ކޯލްޑްޗެއިން ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި ވެކްސިންދޭނެ ގޮތާއި، ވެކްސިންގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ޞިއްޙީ ޙިދުމަތްތެރިންނަށް އުނގަންނައިދީ، ތަމްރީންކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބު 3 ބަޔަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތާއި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނެވެ. މި ތަރުތީބު ކަނޑައަޅާފައިވަނީ ބައިނަލްއަޤްވާމީ އޮނިގަނޑުތަކާ އެއްގޮތަށެވެ.

ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އަވަށްޓެރި އިންޑިއާއިން ވަނީ މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އިންޑިއާއިން ހަދިޔާކޮށްފައިވަނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައިއިން ތައްޔާރުކޮށް އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއްލައްކަ ޑޯޒްއެވެ. އަދި ރާއްޖޭގައި މި ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ދީފައެވެ. މި ހުއްދަ ދީފައިވަނީ ކޯވިޑް-19ގެ ޙާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަރޖެންސީ ސިޓުއޭޝަން"ގައި ބޭނުން ކުރާގޮތަށެވެ. އެމް.އެފް.ޑީ.އޭއިން މި ވެކްސިން ޖެހުމަށް ހުއްދަ ދީފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމަށް ހުއްދަ ދޫކޮށްފައެއް ނުވެއެވެ.