ޚަބަރު

މޫސުމީ ބަދަލުތަކުގެ ގެއްލުން ދިވެހި ރައްޔިތުންނަށް އަންނަނީ ލިބެމުން - އެންވަޔަރަންމަންޓް މިނިސްޓަރ


މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވަމުން އަންނަކަމުގެ ކަންބޮޑުވުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ފާޅުކުރައްވައިފިއެވެ. މިނިސްޓަރވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ.

ކޯވިޑް-19އާއި ގުޅިގެން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ކްލައިމެޓް އެޑަޕްޓޭޝަން ސަމިޓު 2021ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޙާލަތެއްގައި އޮތް ޤައުމަކަށްވުމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސީދާ އަސަރު ރާއްޖޭގެ ރައްޔިތުންނަށް ކުރާކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރވަނީ މިމައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ތަރައްޤީއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރާކަމަކަށް ހެދުމަކީ ރާއްޖޭގެ އަމާޒެއްކަމަށެވެ. އެހެންނަމަވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއިން މިއަމާޒަށް ވާސިލުވުމަށްކުރާ މަސައްކަތަށް ހުރަސްތަކެއް އެޅެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިގޮތަށް ދިމާވާ ކަނަކަމުން ރައްޔިތުންގެ ދިރިއުޅުމަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށް ބޮޑެތި ޚަރަދުތައް ހިނގާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

ކްލައިމެޓް އެޑަޕްޓޭޝަން ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ޖީޑީޕީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވިގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންގެންދަވާ މިދަނޑިވަޅުގައިވެސް ތަރައްޤީއާއި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްތައްވެސް މަޑުޖައްސާނުލާ ކުރިއަށް ގެންދާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ތިމާވެއްޓަށް ކުރިމަތިވާ ނުރައްކާތެރި ހުރިހާކަމެއްގެ ސީދާ އަސަރުކުރާ ޤައުމަކަށްވީތީ ރާއްޖެއިން އަންނަނީ ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގައިވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން ޕްލާސްޓިކާ ދެކޮޅަށް ބޮޑެތި މަޝްރޫޢުތައް ޤައުމީ ފެންވަރުގައި ކުރިއަށްގެންދާއިރު ޖައްވަށް ވިހަގޭސް ބޭނުންކުރާ އިންސައްތަ ނެޓް ޒީރޯ ޤައުމަކަށް 2030ގެ ނިޔަލަށް ހެދުމަށް ރާއްޖެއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކްލައިމެޓް އެޑަޕްޓޭޝަން ސަމިޓަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ ލީޑަރުންގެ ފަންތީގައި އަހަރަކު އެއްފަހަރު ބާއްވާ ސަމިޓެކެވެ. މިސަމިޓު މިއަހަރު އިންތިޒާމުކޮށްފައިވަނީ ނެދަލޭންޑްސްއިންނެވެ. މިއަހަރުގެ މިސަމިޓުގެ ޝިއާރަކީ ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓެވެ. މިސަމިޓުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ މިނިސްޓަރުންނާއި ލީޑަރުންނާއި ސައިންސްވެރިންނާއި ޕްރައިވެޓް އިދާރާތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން 18500އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ.