ތިމާވެށި

ކުނި މެނޭޖްކުރުމުގެ ޙާލަތު ދެނެގަނެ އިންސްޕެކްޓްކުރުމަށް ޚާއްސަ ޓީމެއް މާފުއްޓަށް


މާލެއަތޮޅު މާފުށީގެ ކުނި މެނޭޖްކުރުމުގެ ޙާލަތު ދެނެގަނެ، އިންސްޕެކްޓްކުރުމަށް ޚާއްސަ ޓީމެއް އެރަށަށް ގޮސްފިއެވެ.

މާފުށީ ފަޅާ މޫދަށް ބައެއް މީހުން ކުނިއަޅާތީ އެކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ވަގުތުންކުރުމަށް އެރަށު ކައުންސިލަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގާފައެވެ.

ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ޖާގައާއި ވަޞީލަތްތައް ނެތްކަމަށް ބުނެ މާފުށީގެ ފަޅުން ބައެއްގައި ދާ ޖަހައިގެން ކުނި މެނޭޖްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް ދާގަނޑުން ތަންތަންކޮޅު ކަނޑައިގެންގޮސް ކޮށި ޖަހާފައިވާ ސަރަޙައްދުން ބޭރަށްވެސް ކުނި ޖަމާވާތީ ރަށުގެ ރައްޔިތުންވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން އަލަށް ހިއްކާފައިވާ ސަރަޙައްދަށްވެސް ކުނިޖަމާވެ މާފުށީ ކައިރީގައި ހުރި ފަރުތައްވެސް އަންނަނީ ތަޣައްޔަރުވަމުންނެވެ. އެތައް ބައެއްގެ ނުރުހުން މިކަމަށް އަމާޒުވެ، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު އަންނަނީ މިކަމާއި ދެކޮޅަށް ވަކާލަތުކުރަމުންނެވެ.

މާފުށީގައި ކުނި މެނޭޖްކުރުމުގެ ޙާލަތު ދެނެގަތުމަށް ކަމާބެހޭ ޚާއްސަ ޓީމެއް މިހާރު އެރަށަށްގޮސްފައިވާއިރު، މި ޓީމުގައި އެންވަޔަރަމަންޓް މިނިސްޓްރީއާއި، އީ.ޕީ.އޭއާއި، އެލް.ޖީ.އޭގެ އިތުރުން ވެމްކޯގެ ބޭފުޅުން ހިމެނެއެވެ. މާފުށީގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް މި ޓީމުގެ ފަރާތުން ވަނީ މާފުށީ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކޮށްފައެވެ. އަދި ކުނި މެނޭޖްކުރުމުގެ ކަންކަން މި ވަގުތު ކުރަމުންދާ ސައިޓަށްގޮސް، އެތަނުގެ ޙާލަތު އިންސްޕެކްޓްކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ޓީމުން މާފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް މިވަގުތުން ވަގުތަށް ހޯދެންހުރި ހައްލުތަކާ، އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުނި މެނޭޖްކުރުމަށް އީ.ޕީ.އޭއިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އިސްލާޙު ކުރަންޖެހޭ ކަންކަން އިސްލާޙުކުރާނެކަމުގެ ޔަޤީންކަން ކައުންސިލުގެ ފަރާތުން ޓީމަށް ދީފައިވާކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއްވާފައިވެއެވެ.

މާފުށިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 5 ޓަނުގެ ކުނި އުފައްދާއިރު، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލެވޭވަރުގެ ފެސިލިޓީއެއް ރަށުގައި ގާއިމުވެފައިނެތްކަން އެ ރަށުގެ ކައުންސިލުން ފާހަގަކުރައްވައެވެ.

އެގޮތުން ރަށުގައި ދުވާލެއްގެ މައްޗަށް 4 ޓަނުގެ ކުނި ނައްތާލެވޭވަރުގެ އިންސިނިރޭޓަރެއް ޤާއިމުކޮށްފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެ އިންސިނިރޭޓަރު ބޭނުންނުކުރެވުމަކީ ކައުންސިލުގެ ބޮޑު ކަންބޮޑުވުމެކެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، އެ އިންސިނިރޭޓަރު ކޮމިޝަން ކުރުމަށްޓަކާ މިއަދުވެސް ޓްރައަލްތަކެއް ޓެސްޓްތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި އިންސިނިރޭޓަރު ބޭނުންކުރުމަށް މީހުން ތަމްރީން ކުރުމަށްވެސް ހަމަޖެހިފައިވާކަމަށާއި، އިންސިނިރޭޓަރު ވީ އެންމެ އަވަހަކަށް ބޭނުންކުރަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ.

މާފުށީގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށްނުގެންދާތީ، އީ.ޕީ.އޭއިން ދާދިފަހުން ވަނީ ގިނަ ކަންތައްތަކެއް އިސްލާޙުކުރުމަށް އެ ރަށު ކައުންސިލަށް އަންގާފައެވެ. އެގޮތުން ކުނި މެނޭޖްކުރުމުގެ ޤަވާއިދުތަކާއި އެއްގޮތަށް އެރަށުގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް އެ އެޖެންސީއަށް ހުށައެޅުމަށް އިޕީއޭއިން ވަނީ އަންގާފައެވެ. އަދި ރަށުގައި އުފެދޭ ކުންޏަށް މިހާރު ހަދަމުން އަންނަގޮތްވެސް ތަފްސީލާއެކު ހުށައެޅުމަށްވެސް އީޕީއޭއިން ވަނީ މާފުށީ ކައުންސިލަށް އަންގާފައެވެ.

މީގެ އިތުރުން ކުނި މެނޭޖްކުރާނެ ސެންޓަރެއް ގާއިމުކުރެވެންދެން ރަށުގައި އުފައްދާ ކުނި އަޅާނެ ވަކި ސަރަޙައްދެއް ކައުންސިލުން ކަނޑައަޅާ އެކަމުގެ ހުއްދަ އީޕީއޭއިން ނެގުމަށްވެސް އިޕީއޭގެ އިންޒާރުގައިވެއެެވެ. އަދި ރަށުގައި ބަހައްޓާފައިވާ އިންސިނިރޭޓަރުގެ ބޭނުން ހިފުމަށްވެސް އީ.ޕީ.އޭއިން މާފުށީ ކައުންސިލަށްވަނީ އަންގާފައެވެ.

މާފުށީ ފަޅުތެރެއަށާއި އަތިރިމަތި ސަރަޙައްދަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދައި އެކަން ހުއްޓުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، އެކަމުގައި އެޅި ފިޔަވަޅުތައްވެސް އަންގަން އީ.ޕީ.އޭއިން ވަނީ މާފުށީ ކައުންސިލަށް އަމުރުކޮށްފައެވެ. އަދި މާފުށީގައި މިހާރު ކުނި މެނޭޖްކުރަމުންދަނީ ތިމާވެއްޓާ އެންމެ ރައްޓެހިގޮތަށް ނޫންކަމަށްވާތީ، ރަށުގެ ފަޅުތެރެއަށާއި މޫދުގައި ފެންސް ޖަހައިގެން ކުނި އެޅުން ވަގުތުން ހުއްޓާލާ، އެ ސަރަޙައްދަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުމަށްވެސް އީޕީއޭއިން މާފުށީ ކައުންސިލަށް އަންގާފައިވެއެވެ.