ކޯވިޑް-19

ކޯވިޑް-19 : ރާއްޖޭގައި އެންމެން ވެކްސިން ޖަހާކަށް މަޖުބޫރެއްނޫން


ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ރާއްޖޭގައި ވެކްސިން ޖެހުން މަޖުބޫރެއް ނުކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން އަންނަނީ ކޯވިޑް-19ގެ ވެކްސިނާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް "ކޯވިޑް-19 ދިފާޢު"ގެ ނަމުގައި ކަމާބެހޭ ފަރާތްތަކާގުޅިގެން ޚާއްސަ ކެމްޕޭނެއް ހިންގަމުންނެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ރާއްޖޭގައި މި ވެކްސިން ޖެހުން މަޖުބޫރެއް ނުކުރާނެކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާއި، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެ އެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވަކި ފަރުދަކަށް ބަލައިފިނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެކެވެ. މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމެނިފައިނުވާތީ، މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެކަމަށް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި ވެކްސިންގެ ޑޯޒު ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވާ ފަރާތްތަކުންވެސް ރާއްޖެއައިސް އަލުން ވެކްސިން ޖަހަންނުޖެހޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބު ކަނޑައަޅަނީ ވެކްސިން ލިބޭ އަދަދަށް ބަލާފައެވެ. އަދި ވެކްސިން ދިނުމުގައި އިސްކަންދޭ ތަރުތީބު 3 ބަޔަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނެވެ.

ކޯވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާގުޅޭ މަޢުލޫމާތުވެސް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ވެކްސިން ޖެހުމުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ. އަދި މިގޮތަށް ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަހާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާޢީ ނިޒާމު މަސައްކަތްކުރާ ކަމުގެ އަލާމާތްތަކެއްކަންވެސް އެޗް.ޕީ.އޭއިން ފާހަގަކުރައްވައެވެ.

ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި:

* ހުން އައުން
* ވަރުބަލިވުން
* ބޮލުގައި ރިއްސުން
* އިންޖެކްޝަން ޖަހާތަނަށް ތަދުވުން ނުވަތަ ދުޅަވުން

މިފަދަ އަލާމާތްތަކާމެދު ކަންބޮޑުވާނަމަ ނުވަތަ ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ޞިއްޙީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޗް.ޕީ.އޭއިން ވަނީ އިރުޝާދުދެއްވާފައެވެ. އަދި އެކަން 1676 އަކަށް ގުޅާ ރިޕޯޓްކުރުމަށްވެސް އެ އެޖެންސީން އަންގާފައިވެއެވެ.

ކޯވިޑް-19 އަށް ހުށަހެޅުމުގެ ސަބަބުން މި ބައްޔާ ދެކޮޅަށް ދިފާޢީ ނިޒާމުގައި ރައްކާތެރިކަން އުފެދި ދެމިހުންނަ މުއްދަތު މި ބައްޔާބެހޭގޮތުން އަދި ރަނގަޅަށް ހޯދިފައިނެތުމުން މި ބަލި ޖެހި ރަނގަޅުވެފައިވާ މީހާއަށްވެސް ކޯވިޑް-19ގެ ވެކްސިން ޖެހޭނެއެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން އެންޓިބޮޑީ ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ. ހަމައެހެންމެ މި ބަލި ތަހައްމަލު ކުރަމުންދާ މީހުން ބަލިން ރަނގަޅުވެ، ބަލީގެ އަލާމާތްތައް ފިލައިދަންދެން ވެކްސިން ނުޖަހާ މަޑުކުރަންވާނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.