ކޯވިޑް-19

ކޯވިޑް-19 : ދެއްވަދޫއިން އިތުރު 17 މީހުން ޕޮޒިޓިވްވެ، ޖުމްލަ އަދަދު 33އަށް އަރައިފި


ގއ. ދެއްވަދޫއިން ކޯވިޑް-19އަށް އިތުރު 17 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ތައުފީޤް ވިދާޅުވީ ކޯވިޑް-19އަށް އަލަށް 17 މީހުން ދެއްވަދޫއިން ޕޮޒިޓިވްވެފައިވާކަމަށެވެ.

ދެއްވަދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކު 2 މީހުން ހިމެނޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެތަނުން އެކަކު ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީއަށް ގެންގޮސް ފަރުވާދެމުންދާއިރު 2 ވަނަ މީހާގެ ޙާލު ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެއްވަދޫއިން ޕޮޒިޓިވްވި 33 މީހުންގެ ތެރޭގައި 4 ކުޑަކުއްޖަކުވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. ދެއްވަދޫގައި ކޯވިޑް ފެތުރިފައިވާއިރު މިވަގުތު 56 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ.

އެރަށުގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިދިޔަ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ފަހުން ގއ.ދެއްވަދޫން އެހެން ރަށަކަށް ގޮސްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.