ކޯވިޑް-19

ދެއްވަދޫން އައި އެއްވެސް ކުއްޖަކުވެސް މީހަކުވެސް ސްކޫލަށް ނުދާތި


މިދިޔަ ނޮވެމްބަރު މަހުގެ 30ގެ ފަހުން ދެއްވަދޫއަށް ދަތުރުކޮށްފައިވާ އެއްވެސް ކުއްޖަކު ސްކޫލަށް ނުދިއުމަށް އެޗް.އީ.އޯ.ސީން އިލްތިމާސްކޮށްފިއެވެ.

އެ ސެންޓަރުން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން މާދަމާ އަލުން ފެށުމަށް ނިންމާފައިވާތީއެވެ. އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުމަށް އެޗް.އީ.އޯ.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި 30 ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށްވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކުރައްވާއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައް ހުޅުވައިގެން ދިރާސީ އަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުން ފަށާއިރު، ސްކޫލްތަކުގައި އަލުން ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ އެޗް.ޕީ.އޭއިން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައި ވާގޮތުން ފުރަބަންދުގައިވާ ރަށްރަށުގެ ހުރިހާ ސްކޫލެއް ބަންދުވާނެއެވެ. އަދި މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގައި ކިޔެވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށްވާއިރު ކޯވިޑްގެ އެއްވެސް ކޭސްއެއް ނުފެންނަ ރަށްރަށުގައި ފައުންޑޭޝަން ކްލާސްތަކުން ފެށިގެން ކީސްޓޭޖް-5 އާއި ހަމައަށް ކިޔެވުން ކުރިޔަށް ގެންދާގޮތަށް ވަނީ ކަނޑައަޅާފައެވެ.

ސްކޫލުތަކުގައި އަލުން ކިޔެވުން ފަށާފައިރު، ހުމާ ރޯގާގެ އަލާމަތްތައް ހުންނަ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.