ކޯވިޑް-19

ކޯވިޑް-19 : ކައިވެނި ކްލަސްޓަރއިން ޕޮޒިޓިވްވި މީހުން 90 އިން މައްޗަށް


މާލޭގައި އޮތް ކައިވެނީގެ ޙަފްލާއަކުން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވްވެ އުފެދުނު ކްލަސްޓަރގައި މިހާތަނަށް 97 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޙަފްލާގެތެރެއިން އުފެދުނު މި ކްލަސްޓަރގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ސީދާ ޕާޓީއަށް ދިޔަ މީހުންކަމަށެވެ. އަދި މި ކްލަސްޓަރއާއި ގުޅިގެން މިހާތަނަށް 287 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިހާރު 97 މީހަކު މިވަނީ ޕޮޒިޓިވްވެފައި. މީގެ ތެރެއިން 67 މީހުންނަކީ އެ ޕާޓީއަށް ދިޔަ މީހުން. އިތުރު 27 މީހަކު މިއީ ޕޮޒިޓިވްވި މީހުންގެ ގޭގޭގައި އުޅޭ މީހުން. އަދި މަސައްކަތްކުރާ ތަންތަނުގެ ތެރެއިން އިތުރު 2 މީހަކު ވަނީ ޕޮޒިޓިވްވެފައި. މުޅިއަކު މި ކްލަސްޓަރގައި 97 މީހަކަށް މިވަނީ ބަލިޖެހިފައި. އަދި 287 ކޮންޓެކްޓުން ވަނީ ދެނެގަނެވިފައި" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކައިވެނި ކްލަސްޓަރގެ ތެރެއިން ޖެނުއަރީ މަހުގެ ތެރޭގައި ޕޮޒިޓިވްވެފައިވާ ޢަދަދުތަކަށްބަލާއިރު، ޖެނުއަރީ އެކެއްގައި 8 މީހަކު، ޖެނުއަރީ 3 ގައި 9 މީހަކު، ޖެނުއަރީ 4 ގައި އެކަކު، ޖެނުއަރީ 5 ގައި 5 މީހުން، ޖެނުއަރީ 6 ގައި އެކަކު އަދި ޖެނުއަރީ 7 ގައި 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު މާލޭގައި އޮތް ކައިވެނީގެ ޙަފްލާއަކުން އެންމެ ފުރަތަމަ ކޭސް ޕޮޒިޓިވްވެފައިވަނީ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހައި ރިސްކް މީހުން ހިމެނެއެވެ. މީގެ އިތުރުން ކައިވެނީގެ ޙަފްލާގައި ބައިވެރިވި މީހުންގެ ތެރޭގައި ހައިރިސްކު ގިނަބަޔަކު ފާހަގަވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ އެކި ބަލިތަކަށް ބޭސްކުރާ މީހުން ހިމެނެއެވެ. މީގެ އިތުރުން ޢުމުރުން 8 މަހާއި 9 މަހުގެ ތުއްތު ކުދިންވެސް ވަނީ މިކްލަސްޓަރ އާއި ގުޅިގެން ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވްވަމުންދާ ކޭސްތަކާއެކު އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިކޭސްތަކާއި ގުޅިގެން ޕޮޒިޓިވްވާ ފަރާތްތަކާއި ބައްދަލުވެފައިވާ ފަރާތެއްވާނަމަ އެކަން ވީ އެންމެ އަވަހަކަށް އެޗްޕީއޭއިގެ ހޮޓްލައިން މެދުވެރިކޮށް އެނގުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.