ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލައި، އެކަމަށް ޚާއްސަ މަރުކަޒަކުން ބޭސް ދޫކުރާ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގެ ތެރެއިން ބޭސްފަރުވާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ޞިއްހީ ދާއިރާއަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ކަމަށެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މިކަން ހައްލުކުރުމަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މީހުންނަށް ބޭސް ފޯރުކޮށްދިނުމަށް ވަކި ޚާއްސަ މަރުކަޒެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށްވެސް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
"ބައެއް ބޭހަކީ ޕްރިސްކްރިޕްޝަނަށް ނޫނީ ނުގެނެވޭ ބޭސްތައް. ދުރު ރާސްތާ ސިޔާސަތެއްގެ ގޮތުން މިހާރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ރަޖިސްޓްރީއެއް ބެލެހެއްޓުން." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް މިވަގުތު ހައްލެއް ގެނައުމަށް މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުން ބޭސް ދޫކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެ މީހަކު ޚިދުމަތް ހޯދައި ހޮސްޕިޓަލަކުން ބޭސް ފޯރުކޮށްދޭ ގޮތަށް، ނިޒާމު ބައްޓަންކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށް އެ ނިޒާމު ވަރުގަދަކުރުމާއި ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރުމުގެ އިތުރުން ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް އެ މުވައްޒަފުން އިތުރަށް ހުނަރުވެރިކޮށް ގާބިލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.
މީގެ އިތުރުން ބޭސް ސިޓީ ދޫކުރުމުގެ ކަންކަމުގައި ބޭނުންކުރާ އާސަންދަ ޕޯޓަލް އިސްލާހު ގެނައުމާއި ފަރުވާގެ ގައިޑްލައިންތައް އިތުރަށް ހެދުމާއި އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުމާއި އެސްޓީއޯ ފާމަސިސްޓުން އިތުރަށް ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށްވެސް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.