ޚަބަރު

ބ.އަތޮޅަށް ހޯމް ކަރަންޓީނަށް މިދިޔަ އަހަރު ދިޔައީ 2616، ޕޮޒިޓިވްވީ 41


ކޯވިޑް-19އިގެ ބަލި މަޑުކަމުގެ ތެރޭގައި މިދިޔަ އަހަރުުގެ ޑިސެމްބަރުގެ ނިއަލަށް ބ.އަތޮޅުގެ އެކި ރަށްރަށުގައި 2616 މީހުން ހޯމް ކަރަންޓީންވެފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މީގެ ތެރެއިން 41 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ހިމެނޭ ސަރަހައްދުން މީހުން ފޭބުން މަނާ ކުރީ، 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއަހަރުގެ ޖޫން މަހުގެ ތެރޭގައި މިކަމަށް ލުޔެއް ދިނުމުގެ ގޮތުންނާ މިބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން މާލޭގައި ތިބި އަތޮޅު ތަކުގެ މީހުން ރަށްރަށުގައި ކަރަންޓީން ވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިގޮތުން ހުޅުވާލި ފުރުސަތުގައި މިދިޔަ ޑިސެމްބަރު މަހުގެ ނިއަލަށް ބ.އަތޮޅުގެ 13 ރަށަށް 2616 މީހުންވަނީ ހޯމް ކަރަންޓީނަށް ގޮސްފައެވެ. މީގެތެރެއިން 41 މީހަކުވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑް 19ގެ އެޗްޕީއޭއިން ވަކި ޚާއްސަ އުސޫލެއް ހަދައި ހޯމް ކަރަންޓީންގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ އެރަށްރަށުގެ ކައުންސިލްތަކާ ފުލުހުންނާ ސިއްޙީ މަރުކަޒުތަކާ ގުޅިގެން ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކޯވިޑް ޓާސްކްފޯހުގެ ބެލުމުގެ ދަށުންނެވެ.

ބ.އަތޮޅަށް ހޯމް ކަރަންޓީނަށް މީހުން ދިޔަ ރަށްތަކާއި އަދަދު އަދި ޕޮޒިޓިވްވި މީހުން

މި ބަލި ޖެހިގެން ބ.އަތޮޅުން އެއްވެސް މީހަކު ނިޔާވެފައި ނުވެއެވެ. އެހެންނަމަވެސް ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުރި ޢުމުރުން 59 އަހަރުގެ ފިރިހެނަކު ހާޓްއެޓޭކެއް ޖެހިގެން ތުޅާދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވިފަހުން ހެދި ޓެސްޓުތަކުން އެމީހާވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެމީހާ މަރުވީ ހާޓްއެޓޭކެއްޖެހިގެން ކަމަށް ތުޅާދޫ ސިއްޙީމަރުކަޒުން ވިދާޅުވެފައިވެއެވެ.

ނ.ރ.ބ.ޅ މިހަތަރު އަތޮޅުގެ ކޯވިޑް ފެސިލިޓީގައި ފަރުވާދީފައިވަނީ 11 މީހަކަށް މިހުރިހާއެންމެވެސް މިހާރުވަނީ ރަނގަޅުވުމުން ދޫކޮށްލާފައެވެ. މީގެތެރޭގައި ހިމެނެނީ ބ.އަތޮޅަށް ނިސްބަތްވާ އެންމެ މީހެކެވެ. ދެން ފަރުވާދީފައިވާ މިހުންނަކީ ރ އަތޮޅު ރަށަކަށް ނިސްބަތްވާ އުމުރުން ދުވަސްވެފައިވާ މީހެއްގެ އިތުރުން ރ އަތޮޅުގައި ހަދަމުންދާ ރިސޯޓަކުން ގެންދިޔަ ބިދޭސީންތަކެކެވެ.
މިހާރުވެސް ހޯމް ކަރަންޓީންގައި ގިނަ ބަޔަކު ތިބިކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އަދި އެމީހުންގެ ހާލު ކޮންމެ ދުވަހަކު ހޮސްޕިޓަލުން އަންނަނީ ބަލަމުންނެވެ. އަދި ހޯމް ކަރަންޓީންގައި ތިބޭ ގިނަ މީހުންގެ ސާމްޕަލް ޓެސްޓްތައް ހަދަނީ ބ.އަތޮޅު ހޮސްޕިޓަލުންނެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި ވާގޮތުން ގެސްޓްހައުސް ހިންގާ ރަށްރަށުގައި ފަތުރުވެރިން އުޅޭނަމަ އެރަށެއްގެ ބަޔަކު ފަތުރުވެރިން ނޫޅޭ ރަށަކަށް ގޮސް މަޑުކުރާނަމަ އެމީހަކު ކަރަންޓީން ވާންޖެހޭނެއެވެ. މިހާރު ބ.އަތޮޅުގެ 3 ރަށަކުން އަންނަމީހުން ކަރަންޓީންވާންޖެހޭނެއެވެ. އެއީ ފުޅަދޫ އާއި ކަމަދޫގެ އިތުރުން ދަރަވަންދޫއެވެ. މިތިންރަށަކީ މިހާރު ގެސްޓްހައުސްތައް ހުޅުވާ ފަތުރުވެރިންނަށް ޚިދުމަތް ދޭރަށްރަށެވެ.