ދަރަވަންދޫގައި ހަދާ އިމެޖެންސީ އޮޕަރޭޝަން ސެންޓަރގެ މަސައްކަތް މިއަހަރުގެ މާޗްމަހަށް ނިންމާލެވޭނެކަމަށް މަސައްކަތުގެ ކޮންޓެކްޓަރއާ ހަވާލާދީ އެރަށު ސިއްޙީ މަރުކަޒުން ބުނެފިއެވެ.
ދެ ފަންގިފިލާއަކަށް ހަދާ މި އިމާރާތުގެ ކޮންކްރީޓް މަސައްކަތާ ރޭނުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. ދަރަވަނަދޫ ސިއްޙީ މަރުކަޒުގައި ހަދާ އިމާރާތުގައި މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމުގެ މަސައްކަތްކަމަށާ، މިމަސައްކަތްވެސް މިހަފްތާތެރޭގައި ނިންމާލެވޭ ވަރުވާނެކަމަށް ކޮންޓެކްޓަރ އާ ހަވާލާދީ ދަރަވަންދޫ ސިއްޙީ މަރުކަޒު ހިންގެވުމާ ހަވާލުވެހުރި ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޝިނާން ވިދާޅުވިއެވެ. އަދި ހިޔާ ކުރުމުގެ މަސައްކަތްވެސް މިމަހުތެރޭގައި ފެށެވަރުވާނެކަމަށް ދަރަވަންދޫ ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ.
ދަރަވަންދޫގައި އިމާޖަންސީ އޮޕަރޭޝަން ސެންޓަރ ހެދުމުގެ މައިގަނޑު އެއްބޭނުމަކީ އެރަށުގައި އެއަރޕޯޓެއް އޮތުމެވެ. މިސެންޓަރު ހުޅުވުމުން އިމަރޖަންސީކޮށް ގެންނަ ބަލިމީހާ މާލެ ގެންދެވެންދެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ދާދި ފަހުން ވަނީ ދެ ރިސޯޓްއެއްގެ އެޙީތެރިކަމާއެކު ޕީސީއާރު ލެބެއް ހަދައި، ކޯވިޑް 19އަށް ޓެސްޓް ކުރަންވެސް ފަށާފައެވެ.
މިއިމާރާތުގެ މަސައްކަތް ކުރަނީ ދިވެހި ކުންފުންޏެއްކަމަށްވާ އެލް އެޓް ކޮންސްޓްރަކްޝަނުންނެވެ.