އެމެރިކާގެ ކޯވިޑްގެ އައު ރިލީފް ޕެކޭޖް ތަޢާރަފްކުރުމާއެކު އެމެރިކާގެ އެއަރލައިންތަކުން ވަކިކުރި މުވައްޒަފުނަށް އަނބުރާ ވަޒީފާދޭން ފަށައިފިއެވެ.
ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ބޮޑެތި އެއަރލައިންތައް ކަމަށްވާ އެމެރިކަން އެއަރލައިންސްއާއި ޔުނައިޓެޑް އެއަރލައިންސްއިން ވަނީ އެ އެއަރލައިންތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް، 32 ހާސް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.
މުވައްޒަފުން އެންމެ ފުރަތަމަ އަނބުރާ ގެންނަން ފަށާފައިވަނީ އެމެރިކަން އެއަރލައިންސްއިންނެވެ. އެމެރިކާ ސަރުކާރުން އޭރު އެހީ ދިނުމުގައި ސެޕްޓެމްބަރު މަސް ނިމެންދެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމަށް އިލްތިމާސްކުރިކަމަށެވެ. ނަމަވެސް އޭގެފަހުން އެހީއެއް ނުލިބޭކަމަށާއި އެހެންކަމުން އެއަރލައިންގެ 19 ހާސް މުވައްޒަފުން ވަޒީފާއިން ވަކިކުރަން މަޖުބޫރުވީކަމަށް އެމެރިކަން އެއަރލައިންސްގެ ސީއީއޯ މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އެމެރިކަން އެއަރލައިންސްއިން މިހެން ބުނެފައިވާއިރު ޔުނައިޓެޑް އެއަރލައިންސްގެ ސީއީއޯ ސްކޮޓް ކިރްބީގެ ބަސްމަގުވެސް ހުރީ ދާދި އެއްގޮތަކަށެވެ. އެގޮތުން މާލީގޮތުން ދިމާވާ ދަތިތަކާއެކު 13 ހާސް މުވައްޒަފުން ޔުނައިޓެޑް އެއަރލައިންސްއިން ވަކިކޮށްފައިވާއިރު، މި މުވައްޒަފުން އަލުން ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، މިހާރުގެ ރިލީފް ޕެކޭޖުން ހުރިހާ މުވައްޒަފުން އަނބުރާ ގެނައުން އުނދަގޫވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ދާދި ފަހުން ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން އެކި ސިނާއަތްތަކަށް ކުރި އަސަރު ކުޑަކުރުމަށް 900 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ފާސްކޮށްފައެވެ. މީގެ ތެރޭގައި މި ބަލިމަޑުކަމުން އެންމެ ބޮޑު އަސަރެއް ކުރި އޭވިއޭޝަން ދާއިރާގެ އެއަރލައިންތަކަށް 25 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މި ޕެކޭޖްއަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމަށް ގިނަ ދުވަސްތަކެއް ވަނީ ނަގާފައެވެ. މި ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހަފްތާއަކު 300 ޑޮލަރުގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، އެކި ޝަރުތުތަކަށް ބަލާ މި އަދަދު 600 ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް އައު ސަބްސިޑީތަކެއް ތަޢާރަފްކުރުމާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ މި ބިލް ފާސްކުރުމަށް ފަހު އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިތުރު 1.4 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކުރުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.