ޚަބަރު

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ބޮޑު ބައެއް އެމެރިކާގެ އަތްދަށަށް


ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައިގެ ކޮންޓުރޯލު އެމެރިކާއަށް ދިނުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ. އެމެރިކާގެ އަމިއްލަ ކުންފުނިތަކާ ގުޅިގެން ވެނެޒުއެލާގެ 65 ބިލިޔަން ފީފާގެ ތެލުގެ ރިޒާވްގެ ބޮޑު ބަޔެއް އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ، އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ތިރިކުރުމާއި، ވެނެޒުއެލާގެ ހީނަރުވެފައިވާ ތެލުގެ ޞިނާޢަތް އަލުން އާރާސްތުކުރުން ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ. މި އެއްބަސްވުމުގެ ދަށުން، އެމެރިކާގެ ކުންފުނިތަކުން ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓު ކުރުމުގެ ޞިނާޢަތުގައި ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ޤައުމުގެ އިޤުތިޞާދަށާއި އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގައި ވިދާޅުވެ، ވެނެޒުއެލާގެ ވަގުތީ ރައީސް ދެލްސީ ރޮޑްރީގޭޒް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ 17 ތެޔޮ ވަޅެއް ތަރައްޤީކޮށް، ޓެކުސް އާމްދަނީގެ ގޮތުގައި 209 ބިލިޔަން އެމެރިކާ ޑޮލަރު ލިބޭނެ ކަމުގައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، މިއީ ދެ ޤައުމަށް ވެސް ފައިދާހުރި ނިންމުމެއް ކަމުގައެވެ. އަދި، އެމެރިކާގެ ކުންފުނިތަކުން 100 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެ ކަމަށާއި، އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތީ ވެނެޒުއެލާގައެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަކަށް ވުނަނުކުރެވުމާއި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ވެނެޒުއެލާގައި މި ވަގުތު އުފައްދަނީ ދުވާލެއްގެ މައްޗަށް 1.25 މިލިޔަން ފީފާގެ ތެލެވެ. 1970 ގެ އަހަރުތަކުގައި ތެލުގެ ޞިނާޢަތުގެ ކޮންޓުރޯލު ދައުލަތުގެ ބާރުގެ ދަށަށް ގެންދިޔުމަށް ފަހު، ކުރީގެ ރައީސް ހޫގޯ ޗާވެޒްގެ ވެރިކަމުގައާއި ރައީސް ނިކޮލަސް މަދޫރޯގެ ދައުރުގައި އެ ޤައުމުގެ ތެލުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށްވިއެވެ.