ދުނިޔޭގެ ވިޔަފާރި

ކޯވިޑް ރިލީފް ޕެކޭޖްގެ ބިލް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި


ދިގު އިންތިޒާރަކަށްފަހު އެމެރިކާގެ ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖް ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެސެންޓޭޓިވް އަދި މަތިގެ ސެނެޓުން ފާސްކޮށްފައިވާއިރު، މި ބިލްއަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ސަފްޙާގެ އެކުލެވޭ ބިލެވެ. އެގޮތުން މި ބިލްގައި ފަސް ހާސް ފަސްސަތޭކަ ނުވަދިހަ ތިން ޞަފްޙާ ހިމެނެއެވެ.

މި ބިލް ވީއެންމެ އަވަހަކަށް ތަސްދީޤްކުރައްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

އެމެރިކާގެ ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެސެންޓޭޓިވްއިން ފާސްކޮށްފައިވަނީ 359 މެމްބަރުންގެ ވޯޓާއިއެކުއެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއިން މި ބިލް ފާސްކޮށްފައިވަނީ ސެނެޓްގެ 92 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކާއިއެކުއެވެ.

ކޯވިޑްގެ ރިލީފް ޕެކޭޖްގެ ބިލް އެކުލަވާލުމުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓުންނާއި ދެމެދު ޚިޔާލު ތަފާތުވެ، މި ބިލްއަށް ގިނަ ބަދަލުތަކެއް ގެނައުމަށް ދިގު މުއްދަތެއް ވަނީ ނަގާފައެވެ. އެހެންމަވެސް، މިދިޔަ އާދިއްތަ ދުވަހު ދިގު މަޝްވަރާތަކަކަށްފަހު އެމެރިކާގެ ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް އެކުލަވާލުމުގައި އެއްބަސްވުމަކަށް ވަނީ އައިސްފައެވެ. ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް ފާސްކުރިޔަސް މިހާރު އެކުލަވާލާފައިވާ ބިލަކީ އެންމެ އެކަށޭނަ ފެންވަރުގެ ބިލެއް ނޫންކަމަށް އިދިކޮޅު ޑިމޮކްރެޓުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އިންތިޚާބީ ރައީސް ޖޯ ބައިޑެން އަންނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު އިތުރު ރިލީފް ޕެކޭޖެއް ތަޢާރަފްކުރާނެކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖްއަކީ 900 ބިލިއަން ޑޮލަރުގެ ބޮޑު ރިލީފް ޕެކޭޖްއެކެވެ. މި ޕެކޭޖް ފާސްކުރުމުން މި ޕެކޭޖް ވެގެންދާނީ މިއަހަރުގެ މާރޗް މަހު ފާސްކުރި 2.3 ޓްރިލިއަން ޑޮލަރުގެ އެއިޑް ޕެކޭޖަށް ފަހު އެމެރިކާގެ ތާރިޚުގައިވެސް ފާސްކުރާ އެންމެ ބޮޑު ރިލީފް ޕެކޭޖަށެވެ. މި ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހަފްތާއަކު 300 ޑޮލަރުގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، އެކި ޝަރުތުތަކަށް ބަލާ މި އަދަދު 600 ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް އައު ސަބްސިޑީތަކެއް ތަޢާރަފްކުރުމާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ މި ބިލް ފާސްކުރުމަށް ފަހު އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިތުރު 1.4 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކުރުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.

ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ހުށަހަޅާފައިވާ އެއްވެސް ބިލެއް ޤާނޫނު ހަދާ މަޖިލީހުން ފާސްނުވެ ދިގު ދެމިގެން ދިއުމުން، ޤައުމު ހުއްޓުމަކަށް ނުގެނައުމަށް ހަފްތާއަކަށް ޚަރަދު ކުރެވޭވަރުގެ ބިލެއް ސެނެޓުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ.