ކޯވިޑް-19

ކޯވިޑް-19 : ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރަނީ


ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، އުޞޫލުތަކާއި ޚިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރުމަށް ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެއް އާންމުކޮށް މިއަދު ޢަމަލުކުރަން ފަށާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މި އުސޫލުގެ މަޤްޞަދަކީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރާނެ ހަމަތައް ބަޔާންކުރުންކަމަށެވެ. އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް އިޙުތިރާމްކޮށް، އާންމު ޞިއްޙަތުގެ ނުރައްކާތެރިކަން ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް، ކޮންމެ މީހަކުވެސް އެއްބާރުލުން ދޭންވާނެކަމަށް އެޖެންސީން ވިދާޅުވެއެވެ. އަދި އެއްބާރުލުން ދިނުމެއްނެތި، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފިނަމަ ނުވަތަ ޢަމަލުނުކޮށްފިނަމަ، އެފަރާތަކުން އެ ކުރަނީ ކުށެއްކަމަށް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މި އުޞޫލުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް އަމިއްލަ ފަރުދަކު ޢަމަލުނުކޮށްފިނަމަ ނުވަތަ އެ އެންގުމަކާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަހަރު 3500 ރުފިޔާ، ތިންވަނަ ފަހަރު 7500 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް ޤާނޫނީ ޝަޚްޞަކުން ޢަމަލު ނުކޮށްފިނަމަ ނުވަތަ އެއެންގުމަކާ ޚިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު 5000 ރުފިޔާ، ދެވަނަ ފަހަރު 25،000 ރުފިޔާ އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން އަދި ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް މި އުޞޫލުގައި ވަނީ ނިންމާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުމަކާ ޚިލާފުވާ ފަރާތްތަކާމެދު އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ލިބިގެންދާ ހާލަތްތައްވެސް ހިމަނާފައިވެއެވެ.

އެގޮތުން ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަމަށް ޝައްކުކުރެވިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ މީހާ، ކަރަންޓީނުގެ އަމުރާ ނުވަތަ އެކަހެރިވުމުގެ އަމުރާ ޚިލާފުވުމާއި، ނުރައްކާތެރި ބައްޔެއް އެ ރަށަކުން ނުވަތަ އެ ތަނަކުން ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލާތަށް ގެންނަ ރަށްރަށާއި ތަންތަނަށް ހުއްދައަކާ ނުލައި ވަދެ ނުކުތުމާއި، ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހާގެ މަޢުލޫމާތު އެނގިހުރެ ސިއްރުކުރުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނައުންފަދަ ކަމެއްކޮށްފިނަމަ މި އުސޫލުގައި ބަޔާންކޮށްފައިވާ އެންމެ ބޮޑު ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޙްތިޔާރު އެޗް.ޕީ.އޭއަށް ވަނީ ދީފައެވެ.

އެޗް.ޕީ.އޭއިން އެކުލަވާލި މި އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާ، އެ ފިޔަވަޅުތައް ތަންފީޛުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. މި އުސޫލަށް ޢަމަލުކުރާނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު ތަޞްދީޤުކޮށް، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިޢުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.