ދުނިޔޭގެ ވިޔަފާރި

ބްރެކްސިޓް ޑީލް : ޤައުމުގެ އިސްތިޤުލާލަށް ބުރޫއަރާނެފަދަ ފިޔަވަޅެއް އިނގިރޭސިވިލާތުން ނާޅާނެ


ވަގުތު ކުޑަތަންވިޔަސް އެއްބަސްވުން ޤާއިމުކުރުމުގައި ޤައުމުގެ އިސްތިޤްލާލަށް ބުރޫއަރާނެފަދަ ފިޔަވަޅެއް ނާޅާނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާނެ ވަކި މުއްދަތެއް ކަނޑަނާޅާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ. އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން ދަނީ ޑިސެމްބަރ 31 ވަނަ ދުވަހުގެ ކުރިން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންނެވެ.

ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިލާތުގެ އިއްތިހާދު ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޗީފް ނެގޯޝިއޭޓަރ މިޝޭލް ބާނިއަރ ވިދާޅުވީ، ދެފަރާތް އެއްބަސްވާގޮތަކަށް ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މި ޑީލްގެ ސަބަބުން ވިލާތުގެ އިއްތިހާދަށްވެސް އަދި އިނގިރޭސިވިލާތަށްވެސް ގެއްލުން ކުޑަވާނެގޮތަށް މި ޑީލް ފައިނަލައިޒްވުމުގު އުންމީދު އަދިވެސް އެބައޮތްކަމަށް ބާނިއަރ ވިދާޅުވިއެވެ. އަދި މިފަދަ އެއްބަސްވުމެއް ޤާއިމުކުރުމަށްޓަކައި އެންމެފަހު ދުވަހާއި ޖެހެންދެންވެސް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ބީބީސީއާއި ވާހަކަދެއްކެވި ސަރުކާރުގެ އޮފިޝަލަކު ވަނީ މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއްކަމަށް ސިފަކުރައްވާފައެވެ. އެހެންނަމަވެސް ވަގުތު ކުޑަތަންވިޔަސް އެއްބަސްވުން ޤާއިމުކުރުމުގައި ޤައުމުގެ އިސްތިޤްލާލަށް ބުރޫއަރާނެފަދަ ފިޔަވަޅެއް ނާޅާނެކަމަށް އިނގިރޭސިވިލާތުގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ޑީލްއަކާއި ނުލާ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ނިކުންނަން ޖެހިއްޖެނަމަ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިއު.ޓީ.އޯގެ ޤަވާއިދުތަކަށް ބޯލަނބާ ވަގުތީ އެއްބަސްވުމެއްގެ ދަށުން އިމްޕޯޓް އަދި އެކްސްޕޯޓްކުރުމަށް އެއްބަސްވުމެއް ޤާއިމުކުރުމަށް ވިސްނަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުން ވަކިމުއްދަތަކަށް ބެލުމެއްނެތި ކުރިއަށް ގެންދިއުމަށް ނިންމުމުން މިހަފްތާގެ ތެރޭގައި އިސްވެރިންގެ އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން އަދި ވިލާތުގެ އިއްތިހާދުގެ ޗީފް އަރްސެލާ ވަންޑަލޭންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ވިޔަފާރީގެ އެއްބަސްވުން ޑެޑްލައިންއަށް ބެލުމެއްނެތި ކުރިއަށް ގެންދިއުމަށް ނިންމުމުން ޓްރާންސިޝަން ޕީރިއަޑް މިމަހުގެ ނިޔަލަށް ނިމެން އޮތް އޮތުމަށް ބަދަލު އަންނާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މިކަމާއި ގުޅޭގޮތުން އިނގިރޭސިވިލާތުންވެސް އަދި ވިލާތުގެ އިއްތިހާދުންވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ވިޔަފާރީގެ އެއްބަސްވުން ޑެޑްލައިންއަށް ބެލުމެއްނެތި ކުރިއަށް ގެންދިއުމަށް ނިންމާފައި މިވަނީ، މިދިޔަ ހަފްތާގައި އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުން ގާތީ ވިޔަފާރީގެ އެއްބަސްވުމަކާއި ނުލާކަމަށް އިނގިރޭވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު ބްރެކްސިޓްގެ ސަބަބުން އުފެދިފައިވާ ޚިޔާލުތަފާތުވުން ކުޑަކުރެވުނު ކަމުގައިވިޔަސް ވިލާތުގެ އިއްތިހާދުން މި ވާހަކަތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނަމުންދަނީ އެކަމުގައި ކުރިޔަށް ނުދެވި ހުއްޓުން އަރާފައިވާކަމަށެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާންޖެހޭނެ ގޮތާއިމެދު ބޮޑުވަޒީރު ޖޮންސަންއާއި އުތުރު އަޔަލެންޑްގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީއާއި ދެމެދު ވަނީ ޚިޔާލުތަފާތުވެފައެވެ.