ކޯވިޑްގެ ގެއްލުން ބޮޑުވެ ސައުދީގެ އިޤްތިޞާދު 8.2 އިންސައްތަ މަޑުޖެހިއްޖެއެވެ.
ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް ހުއްޓިފައިވާއިރު ތެލުގެ ވިޔަފާރިއަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ސައުދީއަކީ ތެލުގެ ވިޔަފާރިއަށް ޤައުމުގެ އިޤްތިޞާދުގެ ބޮޑުބައެއް ބަރޯސާވެފައިވާ ޤައުމެއްކަމުގައިވާއިރު، ތެލުގެ ވިޔަފާރި އަޑިއަޅާލުމުން ވޭތުވެ ދިޔަ 5 ކުއާޓަރުގައިވެސް އެ ޤައުމުގެ އިޤްތިޞާދު ވަނީ މަޑުޖެހިފައެވެ.
ސައުދީގެ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ 3 ވަނަ ކުއާޓާގައި ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ވަނީ 4.6 އިންސައްތަ ދަށަށް ގޮސްފައެވެ. އެހެންނަމަވެސް މިއީ މިއަހަރުގެ ދެވަނަ ކުއާޓާގައި ޖީޑީޕީ ދަށަށް ދިޔަ 7 އިންސައްތައަށްވުރެ ރަނގަޅު އަދަދެކެވެ.
ކޯވިޑްގެ ގެއްލުން ބޮޑުވެ ސައުދީގެ އިޤްތިޞާދު 8.2 އިންސައްތަ އަޑިއަޅާލާފައިވާއިރު، މިއީ 2011 ވަނަ އަހަރަށްފަހު އެ ޤައުމުގެ އިޤްތިޞާދު މިހާ ބޮޑަށް މަޑުޖެހުނުު ފުރަތަމަ ފަހަރެވެ. ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ތެލުގެ ވިޔަފާރީގެ ދާއިރާއަށެވެ. އެގޮތުން މި ދާއިރާއިން ވަނީ 7.6 އިންސައްތަ އަޑިއަޅާލާފައެވެ. އަދި އެހެނިހެން ސިނާއަތްތައް އަޑިއަޅާލާފައިވަނީ 2.1 އިންސައްތައިންނެވެ.
ސައުދީގައި ޖުލައި އަދި ސެޕްޓެމްބަރުމަހާއި ދެމެދު 8.8 މިލިއަން ފީފާގެ ތެޔޮ އުފައްދާފައިވާއިރު، ތިންވަނަ ކުއާޓާގައި މިއަދަދު އުޅުނީ 9.3 މިލިއަނުގައެވެ. އެހެންނަމަވެސް، ކޯވިޑްގެ ފިޔަވަޅުތަކަށް ލުއި ދިނުމުން ތެލުގެ ވިޔަފާރިވެސް ރަނގަޅުވަމުން އަންނަނަކަމަށް ސައުދީ ސަރުކާރުން ހާމަކުރައްވައެވެ.
ސައުދީގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެ ޤައުމުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު އަލް ޖަދާން ވަނީ ކޯވިޑްގެ ސަބަބުން ކުރި އަސަރު ކުޑަކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އަންނަ އަހަރުވެސް ރިލީފް ޕެކޭޖްތަކުން އެހީތެރިވެދޭނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރ މުޙައްމަދު އަލް ޖަދާން ދެއްވިއެވެ.
ސައުދީން މިހާރު ދަނީ އެ ޤައުމު ތެލުގެ ވިޔަފާރިއަށް ބަރޯސާވުން ކުޑަކޮށް އެކި ދާއިރާތަކުން މަންފާ ހޯދާ އިޤްތިޞާދު ސިންދަފާތުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި އަމާޒުގެ ދަށުން ސަޢުދީއަރަބިއްޔާގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރިއަށް އޮތް 10 އަހަރަށް 810 ބިލިއަން ޑޮލަރު އިންވެސްޓްކުރަން އެ ޤައުމުން މިހާރު ވަނީ ނިންމާފައެވެ.
މި މަސައްކަތަކީ، ސައުދީ ސަރުކާރުން އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން އެ ޤައުމުގެ އިޤްތިޞާދުގެ މިސްރާބު ބަދަލުކުރުމަށް ކުރާ މަސައްކަތެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ސައުދީ މީޑިއާއަކުން ދާދިފަހުން ވަނީ ސައުދީ ވަލީއަޙުދުގެ ބެއްލެވުމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ބިޔަ މަޝްރޫޢުތަކެއް ކުރިއަށްއޮތް ދުވަސްތަކުގައި އިއުލާންކުރަން ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. ވިޝަން 2030ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަށް ކުރިއަށް އޮތް 10 އަހަރަށް 810 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ 2.97 ޓްރިލިއަން ދިރްޙަމް ޚަރަދުކުރަން ވަނީ ނިންމާފައެވެ.