ޚަބަރު

ބ.ހިތާދޫ ފެނުގެ މައްސަލައަށް 22 އަހަރުފަހުން ހައްލެއް


ފެނަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްބައެވެ. ރާއްޖޭގައި ޒަމާނުންސުރެ ބުއިމަށާއި ކެއްކުމަށާއި ފެންވެރުމަށް ބޭނުން ކުރަމުން އައީ ބިމުން ނަގާފެނެވެ. އެކަމަށް ރައްޔިތުން ޝަކުވާއެއްވެސް ނުކުރެއެވެ. އެހެންނަމަވެސް ފެންފަށަލަ ހަލާކުވެ، އެރަށެއްގެ ބިމުން ނަގާފެނަކީ ބޭނުން ކުރަން ރައްކާތެރިފެން ނޫންކަމަށް ކަނޑައަޅާ ހިސާބުން އެކަންކަމަށް ހައްލުހޯދައިދިނުމަށް އެއިރެއްގައި އޮންނަ ސަރުކާރަކުން މަސައްކަތް ކޮށްދޭންޖެހެއެވެ.

ބ.ހިތާދޫގެ ބައެއް ސަރަހައްދު ތަކުން ނަގާފެނަކީ އެއްވެސް ބޭނުމަކަށް ރަނގަޅު ފެނެއް ނޫންކަމަށް ކަނޑައަޅާފައިވަނީ 1998 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް މިކަމަށް އެދެވޭ ހައްލެއް ހޯދައިދެވިފައި ނެތުމަކީ ރަށު ރައްޔިތުންގެ ބޮޑުކަންބޮޑުވުމެކެވެ. އެރަށުން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް މީހުން ބުނީ ފެން ފަށަލަ ހަލާކުވެފައިވާކަން ހާމަކުރީ ސަރުކާރުން ކަމަށާއި، އެހެންކަމުން މިކަމަށް ހައްލެއް ހޯދައިނުދެވި މިހާ ގިނަ ދުވަސްވުން އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ފެނުގެ މައްސަލައަށް ހައްލެއް މިހާތަނަށް ލިބިފައި ނެތުމުން ރަށުގެ ގެތަކުގެ ވަޅުތަކުން ފެން ބޭނުން ކުރަނީ ކުދިކުދި އޮކްސިޖަން ޕަންޕް ބޭނުންކޮށްގެން ވަސްކަނޑުވައިގެންނެވެ. މިޕަންޕް ބޭނުން ކުރުމުން ފެނުން ދުވާ ނަޖިސް ވަސް ކެނޑުނަސް ފެނަކީ ބޭނުން ކުރަން ރައްކާތެރި ފެނެއްނޫނެވެ. ރަށުގެ ރައްޔިތުން މިހާރު ބޭނުންކުރާ ފެން އިސްކުރުން އަޅާއިރުވެސް ހުންނަނީ ފެހި ކުލައިގައެވެ. އެހެންކަމުން ފެނަކީ އެއްވެސް ތާޒާކަމެއް ނެތްފެންކަން ކަށަވަރުވެގެންދެއެވެ.

އާޤާނޫނަށް އަމަލުކުރަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ ހިތާދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިއެވެ. އެމަސައްކަތުގެ ދަށުން އެރަށުގައި މިހާރު ކުރިއަށްދަނީ އާރުއޯ ޕްލާންޓް ބަހައްޓާ އިމާރާތް ކުރުމުގެ މަސައްކަތެވެ. އަދި މީގެތެރެއިންވެސް ކޮންކްރީޓް މަސައްކަތް ނިންމާ، ރޭނުމުގެ މަސައްކަތްވަނީ ފަށާފައެވެ.

"ދަތް އުނގުޅުމަށްފަހު އަނގަދޮވެ ހަދަނީ ވާރޭ ފެނުން ނުވަތަ ފިހާރަތަކުގައި ވިއްކަން ހުންނަ މިނަރަލް ވޯޓަރ ފެނުން. ކުޑަކުދިން ފެންވަރުވާށާ، ކައްކަން ބޭނުންކުރަނީ ހަމަ ވާރޭފެން މިފެން ރަށު އެންމެނަށް ލިބޭގޮތަށް ހަމަޖައްސާފައި އޮންނަނީ، އެކަމަކު އެއީ ކިހާބޮޑު ތަކުލީފެއްތޯ؟ މިރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށްގެންދާކަމީ ވަރަށް އުފާވެރިކަމެއް އަދި މިއީ މުސްތަޤުބަލާ ގުޅިފައިވާކަމެއް. އަދި ދުޅަހެޔޮ ޖީލެއް ބިނާކުުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްކަމުގައި ދެކެނީ" އެރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.

ހިތާދޫ އަކީ ފެންތިލަ ރަށެއްކަމުން، ވާރޭ ވެހިއްޖެނަމަ މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެތަކުގެ ނަރުދަމާ ޖަންގްޝަންތައް ފަޅައިގެން ގޮސް ރަށުތެރެއަށް ނަޖިސް ބޭރުވުމަކީވެސް ވިއްސާރަވެ ފެންބޮޑުވާ ދުވަސްވަރުގައި އާންމުކޮށް ދިމާވާކަމެކެވެ.

"ފެނާއި ނަރުދަމާގެ ޤާނޫނު" ބުނާ ގޮތުން ސާފު ބޯ ފެނަކީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް އަމިއްލަ ބޭނުމާއި ޒަރޫރީ ކަންކަމުގައި ލިބެން ޖެހޭ ހައްގެކެވެ. އަދި ކެއިން ބުއިމަށް ފޯރުކޮށްދޭ ފެން ޞިއްހީ ގޮތުން ރައްކާތެރި އެއްޗަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ ޤާނޫނުގައި ބުނެއެވެ.

ހިތާދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަންމުތާ އެކްސްޕޯޓް ކުންފުންޏާއެވެ. މި މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭވަރުވާނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރއާ ހަވާލާދީ ހިތާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.