ރިޕޯޓް

މާކެޓް ނެތުމަކީ ދަނޑުވެރިކަން ކުރިއެރުވުމަށް ކެލައަށް އޮތް ހުރަހެއް


ހއ. ކެލައަކީ ފެށުނީސުރެއްވެސް ދަނޑުވެރިކަމުގައި ހއ އަތޮޅުން ފާހަގަކޮށްލެވޭ ރަށެކެވެ. އަދި އެރަށަކީ އެ އަތޮޅުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ބިން ބޮޑު ރަށެކެވެ. ކޯވިޑް 19އާ ގުޅިގެން މާލެ ލޮކްޑައުންކޮށް، ރިސޯޓްތައް ބަންދުކުރިފަހުން ކެލާގެ ދަނޑުވެރިކަން އިތުރަށް ފުޅާވެ، ދަނޑުވެރިކަން ކުރާ ޒުވާނުން ދިޔައީ އެދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން ވިދާޅުވީ ކޯވިޑް 19 އަށްފަހު ކެލާގައި ދަނޑުވެރިކަންކުރާ މީހުން އިތުރުވެ، މަސައްކަތް ފުޅާވަމުން އަންނަކަމަށެވެ. ގުފްރާން ވިދާޅުވީ ކެލައިން ދަނޑުވެރިކަން ކުރުމަށް އިތުރަށް ދަނޑުތަކެއް ދޫކުރުމަށް މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށާއި މިފަހަރު ދޫކުރުމަށް ނިމާފައިވަނީ 5000 އަކަފޫޓުގެ 300 ބިން ކަމަށްވެސް ގުފްރާން ވިދާޅުވިއެވެ. އަދި މި ބިންތައް ދޫކުރުމުން ދަނޑުވެރިކަން ކުރާ ފަރާތްތައް މިހާރަށް ވުރެއް އިތުރު ވެގެންދާނެކަމަށްވެސް އެނާ ބުންޏެވެ.

ނަމަވެސް އެރަށުގެ ދަނޑުވެރިންގެ އެންމެބޮޑު ކަންބޮޑުވުމަކައް ވެފައިވަނީ އެތަކެތި މާކެޓް ކުރެވޭނެ ރަނގަޅު ގޮތެއް ނެތުން ކަމަށް އެދަނޑުވެރިން ބުނެއެވެ. އެދަނޑުވެރިން ހައްދާ ތަކެތި އާމުކޮށް ގިނަ އެއްޗެތި މިވިއްކަނީ އަތޮޅުގެ ރަށްރަށަށާއި، މާލެއަށެވެ.

ކައުންސިލުން ވިދާޅުވީ އެރަށުގެ ދަނޑުވެރިންް ހައްދާ ތަކެތި މާކެޓް ކުރުމަށްޓަކައި ސަރުކާރުގެ ކުންފުންޏަކާ ގުޅިގެން އެރަށުގެ ދަނޑުވެރިން ހައްދާތަކެތި މާކެޓަށް ނެރުމަށް މަޝްވަރާ ކުރެވެމުން ދާކަމަށެވެ. އަދި އެތަކެތި މާކެޓް ކުރެވޭނެ އެހެން މަގުތައްވެސް ބަލަމުން ގެންދާކަމަށެވެ. ކައުންސިލުން ވިދާޅުވީ ހއ އަތޮޅުގެ ރިސޯޓްތައް ހުޅުވިގެން ދިޔުމާއެކު ދަނޑުވެރިކަން ކުރިޔަށް އޮތްތާނގައި ރަނގަޅުވެގެންދާނެ ކަމަށާއި އެކަމުން ދަނޑުވެރިންނަށް ރަނގަޅު ނަފާއެއް ލިބިގެން ދާނެކަމަށެވެ.

2000 ވުރެއްގިނަ މީހުންގެ އާބާދީއެއް އޮތް ކެލާއަކީ ހއ އަތޮޅުގައި، ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ މީހުން ދިިރިއުޅޭ ރަށެވެ. ކެލާގައި އާންމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި ކެޔޮ، ކަރާ، ބަށި، ބަރަބޯ، ކިއުކަމްބާ، ގިތެޔޮމިރުސް، ޓޯމާޓޯ، އަދި ރޯމިރުސް ފަދަ ތަކެތި ހިމެނެއެވެ.