އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި ޗިޕް އުފައްދާ ކުންފުނި ސެމީ ކޮންޑަކްޓަރ މެނުފެކްޗަރިންގ އިންޓަނޭޝަނަލް ކޯޕަރޭޝަން، ސްމިކް ހިމެނޭހެން 77 ކުންފުންޏަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާއިން މީގެކުރިން ވަނީ ޗައިނާގެ އެކި ކުންފުނިތަކުން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރާކަމަށް ބުނެ ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އެމެރިކާއިން ޗައިނާގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ނިންމާ، އެކަން ހާމަކުރައްވާފައިވަނީ އެމެރިކާގެ ކޮމާސް ސެކެޓްރީ ވިލްބަރ ރޮސް މިދިޔަ ހުކުރު ދެއްވި ޚާއްސަ ޕްރެސް ސްޓޭޓްމަންޓްއެއްގެ ތެރެއިންނެވެ.
ވިލްބަރ ރޮސް ވަނީ އަލަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ކުންފުނިތަކާއެކު އެއްވެސް އެމެރިކާގެ ކުންފުންޏަކަށް އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ހިންގުން މަނާކޮށްފައިވާކަން ހާމަކޮށްފައެވެ. ޕްރެސް ސްޓޭޓްމަންޓް ދެއްވަމުން ކޮމާސް ސެކެޓްރީ ވިދާޅުވީ މިފަދަ ފިޔަވަޅެއް އަޅަން ނިންމީ އެމެރިކާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ. އެގޮތުން ޗައިނާގެ ކުންފުނިތަކުން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރާކަމަށާއި އެކަމުގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ކޮމާސް ސެކެޓްރީ ވިދާޅުވިއެވެ.
ވެރިކަމުން ފައިބައިވަޑައިގަތުމަށް ކުޑަދުވަސްކޮޅަކަށް ވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގިނަ އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާތީ އެމަނިކުފާނަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ޗައިނާގެ 77 ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު، އެމެރިކާއިން ވަނީ ތުރުކީން ރަޝިޔާގެ މިސައިލް ޕްރޮގްރާމް ގަތުމުން އެ ޤައުމާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އެމެރިކާއިން ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި ޗިޕް އުފައްދާ ކުންފުނި ސެމީ ކޮންޑަކްޓަރ މެނުފެކްޗަރިންގ އިންޓަނޭޝަނަލް ކޯޕަރޭޝަން، ސްމިކްއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ސްމިކް މިވަނީ އެމެރިކާއިން ބޭންކޮށްފައިވާ ޓިކްޓޮކް އަދި ވާވޭފަދަ ބޮޑެތި ކުންފުނިތަކުގެ ލިސްޓްގައި ހިމެނިފައެވެ.
ރައީސް ޓްރަމްޕްގެ ވެރިކަމުގައި މިހާތަނަށް އައިރު ޗައިނާގެ 100 އަށްވުރެ ގިނަ ކުންފުންޏާއި ދެކޮޅަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެހެނަމަވެސް، ދަތިކުރުމުގެ ފިޔަވަޅު އެޅި ބޮޑެތި ކުންފުނިތަކުގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމުގައި އެމެރިކާ ސަރުކާރުން މިހާތަނަށް ވަނީ ނުކުޅެދިފައެވެ.