ރާއްޖެއިން މިއަދު 26 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޢަދަދު 13444އަށް އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 14 މީހުންނެވެ. އަދި ރަށްރަށުން 8 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 3 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން ސަފާރީއަކުންވެސް މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13444 އަށް އަރާފައެވެ.
މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 8 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12,835 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 95.47 އިންސައްތައެވެ.
މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 553 އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުގައި ތިބި 432 މީހުންނާއި، ރަށްރަށުގައި ތިބި 46 މީހުންގެ އިތުރުން ރިސޯޓްތަކުގައި އެކްޓިވް ކޭސްތަކުގެ ގޮތުގައިތިބި 44 މީހުންނާއި، ސަފާރީތަކާއި ޔޮޓްތަކުން ޕޮޒިޓިވްވި 12 ކޭސްގެ އިތުރުން ރިސޯޓްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަށްރަށުގައިތިބި 17 މީހުންނާއި ސިނާޢީ ރަށަކުން ޕޮޒިޓިވެފައިވާ މީހެކެވެ. މިބަލީގައި މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުންގެން ދަނީ 47 މީހުންނަށެވެ.
އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2870 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 283،243 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.