ޗައިނާއިން އޮސްޓްރޭލިއާއަށް އަޅާފައިވާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް ރިވިއުކުރުމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން ޑަބްލިއުޓީއޯއަށް ހުށަހަޅައިފިއެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމާގުޅޭ ކޯޅުންގަނޑު ބޮޑުވެ ޗައިނާއާއި އޮސްޓްރޭލިއާއާ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފައެވެ.
ޗައިނާގެ އެގްރިކަލްޗަރަލް މިނިސްޓްރީން ވަނީ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުން ފެށިގެން އޮސްޓްރެލިއާއިން ލަކުޑީގެ ބައެއް ބާވަތްތަކާއި، ގޮދަން އެތެރެކުރުން ހުޓާލަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އޮސްޓްރޭލިއާގެ ކުންފުނިތަކުން ބައެއް ތަކެތި ނުއަގުގައި އިމްޕޯޓްކޮށް ވިއްކާކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޗައިނާއިން ވަނީ ނިންމާފައެވެ. އެގޮތުން ގެރި މަހާއި، ކޯލް އެތެރެކުރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
މީގެ އިތުރުން އޮސްޓްރޭލިއާއިން އެތެރެކުރަން އެދިފައިވާ 1.4 މިލިއަން ޑޮލަރުގެ ދިރޭ އިހީގެ ޝިޕްމަންޓެއް ހުއްޓުވާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޮސްޓްރޭލިއާގެ އިހީގެ އެންމެ ބޮޑު މާކެޓްކަމުގައިވާ ޗައިނާއިން އިހީގެ މި ޝިޕްމަންޓަށް ކްލިއަރެންސް ނުދިނުމުން މިކަމުގެ ހިތްހަމަނުޖެހުން އޮސްޓްރޭލިއާގެ އިހި އެކްސްޕޯޓްކުރާ ކުންފުނިތަކުން ދަނީ ފާޅުކުރަމުންނެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނީ މި ޝިޕްމަންޓަށް ޗައިނާގެ ކަސްޓަމްސްއިން ކްލިއަރެންސް ނުދިނީ ކޯވިޑްގެ ނުރައްކާ އޮސްޓްރޭލިއާގައި ބޮޑުވުމުންކަމަށް ބުނެފައެވެ. އަދި މި ޝިޕްމަންޓްގެ އިންސްޕެކްޝަންއެއް ކުރިއަށްގެންދިއުމަށްފަހު މި ޝިޕްމަންޓަށް ކްލިއަރެންސް ދޭނެކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި އިންސްޕެކްޝަން އަންނަ މަހުގެ ތެރޭގައި ނިމޭނެކަމަށް ބެލެވޭއިރު، އެއަށްވުރެ އަވަހަށް ވިޔަފާރި ފެށުމަށް މަޝްވަރާކުރަމުންދާކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާއިން ވަނީ އޮސްޓްރޭލިއާއިން އެތެރެކުރާ ގޮދަނުން ނަގާ ޓެރިފް 80.5 އިންސައްތައަށް މަތިކޮށްފައެވެ. ޗައިނާގެ ޓެރިފް މިހާ ބޮޑުވެފައި މިވަނީ މިދިޔަ މޭމަހު އެޤައުމުން އޮސްޓްރޭލިއާގެ އުފެއްދުންތަކަށް އަމާޒުކޮށް އެންޓި ޑަމްޕިން އަދި އެންޓި ސަބްސިޑީ ޑިއުޓީ ތަޢާރަފްކުރުމުންނެވެ.
މި މައްސަލަ ހައްލުކުރުމަށް ޑަބްލިއުޓީއޯއިން އަޅާނެ ފިޔަވަޅެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އޮސްޓްރޭލިއާއިން ވަނީ މައްސަލަ ހައްލުކުރުމަށް މަޝްވަރާގެ މޭޒަށް އަންނަން ތައްޔާރަށް ހުރިކަން ހާމަކޮށްފައެވެ.
ޗައިނާއާއި އޮސްޓްރޭލިއާގެ ގުޅުނެ ގޯސްވެ އޮސްޓްރޭލިއާއިން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއިން ވަކިވުމަށް ވިސްނަމުންދާކަމަށް ޚަބަރުތައް މިހާރު ވަނީ ފެތުރެން ފަށާފައެވެ. އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު އެ ޤައުމުގެ ޤާނޫނަކަށް ގެނައި ބަދަލުގެ ދަށުން އެޤައުމުން މީގެކުރިން ސޮއިކޮށްފައިވާ ދާޚިލީ އަދި ޚާރިޖީ އެއްބަސްވުންތަކަށް ބަދަލު ގެނައުމުގެ ބާރު ޚާރިޖީ ވަޒީރަށް ލިބެއެވެ.
މިބާރު ލިބުމާއިއެކު އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ގިނަ އެއްބަސްވުންތަކަކަށް ބަދަލު ގެންނަވާނެކަަމަށް ޚަބަރުތައް ދަނީ ބުނަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލު ގެންނަވާނީ އޮސްޓްރޭލިއާއިން 2018 ވަނަ އަހަރު ގުޅުނު ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަށްކަމަށް މި ޚަބަރުތައް ބުނެއެވެ.