ރިޕޯޓް

ތޮއްޑޫ "ލުނާރާ ރެޒިޑެންސް" - މާނިޢުގެ ފެހިކަން ގަދަ ޖަންގަލި


ގޯތިތެރޭގައި ގަސް ހެއްދުމަކީ މިހާރު ދިވެހިންގެ ތެރޭގައި އާއްމުވަމުން އަންނަ ކަމެކެވެ.

ވަކިން ޚާއްސަކޮށް ކޯވިޑް-19ގެ ފުރަބަންދުގެ ދުވަސްވަރު "ލޮކްޑައުން ޓްރެންޑްސް"ގެ ގޮތުގައި ކުދިކުދި ތަންތަންކޮޅުގައި ގަސް ހެއްދުން ވަރަށްވެސް ބޮޑަށް އާއްމުވެގެންދިޔައެވެ. މިފަހަރު މިއޮތީ ގަސް އިންދުމަށް ލޯބިކުރާ މީހެއްގެ ވާހަކައެކެވެ. ނަމަވެސް އޭނާ މި މަސައްކަތް ފަށާފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމުގެ ކުރިންނެވެ.

ތޮއްޑޫގައި އަލަށް ހުޅުވުމަށް ތައްޔާރުވާ "ލުނާރާ ރެޒިޑެންސް" އަކީ ރާއްޖޭގައި އާއްމުކޮށް ފެންނަން ހުރި ގެސްޓް ހައުސްތަކާއި ބަލާއިރު ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. ގެސްޓް ހައުސްގެ މައިދޮރާށިން ފެށިގެން ވޯކްވޭއާއި، މުޅި ގޯތިތެރެހެން ފުރާލާފައިވަނީ ފެހިކަން ގަދަ އެކި ބާވަތް ބާވަތުގެ ގަސްގަހާ ގެހިންނެވެ. ތަނުގެ ފޮޓޯތައް ބަލާލަން ވަރަށްވެސް ހިތްގައިމުވެފައި ޗާލެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ލުނާރާ ރެޒިޑެންސްގެ ވެރިފަރާތް އުމުރުން 42 އަހަރުގެ ޔޫސުފް މާނިޢު މުޙައްމަދު ބުނިގޮތުގައި އޭނާއަށް ގެސްޓް ހައުސް ވިޔަފާރިއަށް ވަނުމުގެ ޙިޔާލު ލިބުނީ އޭނާގެ މަންމައާއި އާއިލާ ޗުއްޓީ ހޭދަކޮށްލާނެ "ހޮލިޑޭ ހޯމް"އެއް ހެދުމުގެ ތެރެއިންނެވެ.

އެގޮތުން ތޮއްޑޫ މީހެއްގެ އަތުން 3 ގޯތި ކުއްޔަށް ނެގުމަށްފަހު އޭނާ އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ގަސް އިންދުމުގެ ޝަޢުގުވެރިކަންވެސް އުފެދުނީ އެހާ ހިސާބުންނެވެ. މާނިޢު ބުނިގޮތުގައި އޭނާ ބޭނުންވީ އާއްމުކޮށް ފެންނަން ހުންނަ ގެސްޓް ހައުސްތަކަށްވުރެ "ޖަންގަލް ވައިބް"އެއް ގެނުވާފަދަ ޑިޒައިނަކަށް ތަނެއް ހެދުމަށެވެ. އަދި ތަނުގެ ޑިޒައިން ފައިނަލްކޮށްފައިވަނީ އިންޑޮނޭޝިއާއި ބްރެޒިލްފަދަ ޤައުމުތަކުގެ ޖަންގަލިތައް ހުންނަ ގޮތްތައް ބަލާ، ރިސަރޗްކޮށްގެންކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އަލަށް އަދި ގަހެއް އެއްޗެއް އިންދީވެސް މި ރަށަށް އައިސް. ވަރަށް ބޮޑަށް އެކްސްޕެރިމެންޓްކޮށްގެން މި ހިސާބަށް އާދެވުނީ. އަޅުގަނޑު ބޭނުންވީ ވަރަށް ޖަންގަލް ގާރޑަން ތީމަކަށް ހަދަން. ޖަންގަލީގައި މި ހުންނަނީ ވަރަށް ކައިރިކައިރީގައި ގަސްތަ ހެދިފައި. އަސްލުވާގޮތަކީ އެގޮތަށް ހުރިހާ ގަހެއް ނުއެއްހެދޭ މިތާނގައި. ކައިރިކައިރި އިންދީމަ ބައެއް ގަސްތައް މަރުވެ، އަނެއްބައިގަސްތަ މި ސަރވައިވްވަނީ. އެގޮތަށް ދެން އެކްސްޕެރިމެންޓް ކުރަމުން މިހާރު އެހުރީ ސަރވައިވްވާ ގަސްތައް ކައިރިކައިރީގައި އިންދިފައި" މާނިޢު ބުންޏެވެ.

ލުނާރާ ރެޒިޑެންސް ހަދާފައިވަނީ އާއިލާ މީހުންނަށް ޗުއްޓީ ހޭދަކޮށްލުމަށް 4 ކޮޓަރި، އަދި ގެސްޓުންނަށް ޚާއްސަ 5 ކޮޓަރީ ހިމަނައިގެންނެވެ. ތަނުގެ އާކިޓެކްޗަރަލް ކުރެހުންތަކާއި، ޑިޒައިން ކުރުމުން ފެށިގެން، އިމާރާތްކުރުމާއި، ގަސް ހެއްދުންފަދަ ހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީ ސީދާ މާނިޢުގެ ބެލުމުގެ ދަށުން އޭނާ އިސްކޮށް ހުރެގެންނެވެ. އެއް ފަންގިފިލާއަށް ހަދާފައިވާ މި ގެސްޓް ހައުސްއަށް ލިބިގެންދާ އެންމެ ބޮޑު މުއްސަނދިކަމަކީ ތަނުގައި ހައްދާފައިވާ ހިތްގައިމު ގަސްތަކެވެ. މާނިޢު ބުނިގޮތުގައި އެތަނުގައި 300 އަށްވުރެ ގިނަ ބާވަތުގެ ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ގަސް ހައްދާފައިވާނެއެވެ.

ގަސްތައް ހެއްދުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ "ޖަންގަލް" ތީމަކަށް ވީހާވެސް ކައިރިކައިރީގައި އެކި ބާވަތްތަކުގެ ގަސް ހެއްދުމަށްކަމަށް މާނިޢު ބުންޏެވެ.

އެތަނުގައި ހައްދާފައިވާ ގަސްގަހުގެ ބާވަތްތަކަށް ބަލާއިރު، ކެޔޮގަސް، ދިވެހި ރުއް، ފެންފޯއް ރުއް، ޕެޝަން ފްރުޓް، ޓޮމާޓޯ، ކޮޕީފަތް، ހުވަނދުމާ، އަސުރުމާ، މަނީ ޕްލާންޓް އަދި ދިވެހި ބޭހަށް ބޭނުންކޮށް އުޅޭ އެކި ބާވަތްތަކުގެ ގަސްތައް ހިމެނެއެވެ. މާނިޢު ބުނިގޮތުގައި ވަރަށް މަދު ބާވަތެއް ފިޔަވާ، އެތަނުގައި ހައްދާފައިވާނީ ސީދާ ތޮއްޑޫއިން ލިބެންހުރި އެކި ބާވަތް ބާވަތުގެ ގަސްތަކެވެ. އަދި ބޮޑަށް ބެލީ ގުދުރަތީގޮތުން ފަސޭހައިން ހެއްދޭ، އަދި އެހާ ބޮޑަށް ބަލަހައްޓަންނުޖެހޭ ގަސް ހެއްދުމަށްކަމަށް މާނިޢު ބުންޏެވެ.

"ގަސް ކާނާ ހޯދަންވެސް މި ހަދާގޮތަކީ ބާކީވާ ކާއެއްޗެއްސާއި، ގަހުން ނެއްޓި ހަލާކުވެފައި ހުންނަ ފަޅޯކަހަލަ އެއްޗެހިތައް ނަގައިގެން ބޮޑަށް ގަސްކާނާގެ ގޮތުގައި މި ބޭނުންކުރަނީ. ދެން ފަތްތަކާއެއްޗެހިވެސް ވަޅުލާ، އެގޮތަށް ކޮމްޕޯސްޓް މިހަދަނީ. ނެޗުރަލް ގަސްކާނާ ބޭނުން މިކުރަނީ. ގަސްވެސް ގިނައިން ހުންނާނީ ރަށުގެ އެކި އިމާރާތްތައް ހަދަންވެގެން މީހުން ކަނޑާލާ ގަސްތައް ހޯދައިގެން ގެނެސްގެން ހައްދާފައި" މާނިޢު ބުންޏެވެ.

ލުނާރާ ރެޒިޑެންސް ފަރުމާކޮށްފައިވަނީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އެއްވަރަށް ފެހިކަންގަދަ ޖަންގަލީގެ އިޙްސާސާއި، ތިމާވެށީގެ ހިތްގައިމުކަންވެސް ތަޖުރިބާކޮށްލެވޭނެހެންނެވެ. އެގޮތުން ތަނުގެ ވެއިޓިންގ އޭރިއާއާއި، ކޮޓަރިތަކާއި، ވޯކްވޭތަކާއި، ގޯތިތެރެވެސް ޒީނަތްތެރިކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހި، އަދި ދިވެހިވަންތަ ސިފަތަކަކާވެސް އެކުގައެވެ. އޭގެ ތެރެއިންވެސް އެންމެ ހިތްގައިމީ އެލުވާފައިވާ ޖޯލިތަކެވެ.

މާނިޢު ބުނިގޮތުގައި ގަސް ހެއްދުމަކީ ބުރަ އަދި އެހާމެ ވަގުތު ބޭނުންވާ މަސައްކަތެއްނަމަވެސް، މިއީ އަމިއްލަ ނަފްސަށް އުފާވެރިކަމާއި، ހިތްހަމަޖެހުން ލިއްބައިދޭ މަސައްކަތެއްކަމަށެވެ. އަދި ފެށިއިރު ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް މިކަމުގައި ކުރިމަތިވިނަމަވެސް، މިހާރު މި މަސައްކަތަށް އޭނާގެ ހިތްޖެހިފައިވާކަމަށް މާނިޢު ބުންޏެވެ. ނަމަވެސް ޢާމްދަނީ ހޯދުމުގެ ބޭނުމުގައި ގަސް ހެއްދުމުގެ މަސައްކަތް ކުރުމުގެ ވިސްނުން ނުގެންގުޅޭކަމަށް މާނިޢު ބުނެފައިވެއެވެ.

"ޒީނަތްތެރިކުރުމާއި އަމިއްލަ ހިތްހަމަޖެހުން ބޮޑަށް މި އޮންނަނީ. މިހާރު މީހުންވެސް، އަންނަ ގިނަ ގެސްޓުންވެސް ވަރަށް ނޭޗަރއަށް ލޯބިކުރޭ. އެންމެންގެވެސް ހިތްހަމަޖެހުން ލިބޭނެ އަސްލު ވީހާވެސް ގަސްތައް ގިނަވެފައި، މިގޮތަށް އޮންނަންޏާ. އެއީ ރަނގަޅު އިންވެސްޓްމަންޓެއް. ވެލިއު އެޑްކުރާނެ އަސްލު މިގޮތަށް ގަސްތައް ގިނަ ރީތި ގަރޑަންއަކާއެއްކޮށް ތަފާތު ތަޖުރިބާއެއް ކުރެވޭނެފަދަ މާޙައުލަކަށް މިތަން ފަރުމާކުރެވުނީމަ" މާނިޢު ބުންޏެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އިޢުލާންކުރި ފުރަބަންދުގެ ޙާލަތާއެކު ގަސް ހެއްދުމުގެ ޖޯޝާއި ފޯރި ދިވެހިންގެ މެދުގައި ވަކިން އިތުރުވެފައިވާއިރު، ތޮއްޑޫ ލުނާރާ ރެޒިޑެންސްގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުކުރަން ފެށުމާއެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ތަޢުރީފައި ހިތްވަރުގެ ބަސްތައް ލިބެމުންދާކަން މާނިޢު ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ މިހާގެ ރޭވުންތެރިކަމާއި ވިސްނުންތެރިކަން އިތުރުކޮށްދީ، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހެޔޮ އަސަރުތަކެއް ކުރުވާކަމެއްކަމުން، ގޭގެތެރޭގެ ކުޑަނަމަވެސް ތަންކޮޅެއްގައި މާގަހެއް ނުވަތަ ކާނާ ލިބޭ ބާވަތުގެ ގަހެއް އިންދުމަކީ މާނިޢު އެދޭ އެދުމެކެވެ.