ދުނިޔޭގެ ވިޔަފާރި

ޤައުމު ހުއްޓުމަކަށް ނުގެނައުމަށް ހަފްތާއަކަށް ޚަރަދު ކުރެވޭވަރުގެ ބިލެއް ސެނެޓުން ފާސްކޮށްފި


ޤައުމު ހުއްޓުމަކަށް ނުގެނައުމަށް ހަފްތާއަކަށް ޚަރަދު ކުރެވޭވަރުގެ ބިލެއް ސެނެޓުން ފާސްކޮށްފިއެވެ.

އެމެރިކާގެ ސެނެޓުން މިގޮތަށް ބިލެއް ފާސްކޮށްފައި މިވަނީ ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ހުށަހަޅާފައިވާ އެއްވެސް ބިލެއް ޤާނޫނު ހަދާ މަޖިލީހުން ފާސްނުވެ ދިގު ދެމިގެން ދިއުމުން، ސަރުކާރު ހިންގުމުގެ ޚަރަދު ދެކޮޅު ނުޖެހުމުންކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއް ހަފްތާގެ ޚަރަދު ކުރެވޭވަރަށް ބިލެއް ފާސްކުރުމުން ރައީސް ޑޮނާލްޑް ޓްރަމްޕަށް ވަނީ ދެން ހުރި އެއިޑް ބިލްތައް ފާސްކުރުމަށް އިތުރު ވަގުތު މިވަނީ ލިބިފައެވެ.

ސެނެޓުން މި ބިލް ފާސްކޮށްފައި މިވަނީ، ޤާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުންތަކެއް މި ބިލް ފާސްކުރުން ލަސްކުރުމަށް ފައި ވިއްދާލާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ބިލް ފާސްކުރުމަށް 5 ދުވަސް ހޭދަވިއިރު، މި ބިލް ސެނެޓްގެ 343 މެމްބަރުންގެ ތާޢީދާއެކު ފާސްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ޤައުމު ނުހުއްޓި ކުރިއަށްގެންދިއުމަށް އެއް ހަފްތާގެ ޚަރަދު ކުރެވޭވަރަށް ބިލެއް މުހިންމުވެފައި މިވަނީ ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ހުށަހަޅާފައިވާ 12 ބިލްގެ ތެރެއިން އެއްވެސް ބިލެއްގެ މަސައްކަތް ކޮޅެއްގައި ނުޖެހި ތާށިވެފައިވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ފެޑަރަލް ސަރުކާރުގެ ޚަރަދުތައް ކުރުމަށްޓަކައި ފާސްކުރުމަށް މަސައްކަތްކުރާ އޮމްނިބަސް ބިލްގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވުމަކީ ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް އެމެރިކާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ފެޑަރަލް ސަރުކާރުން ކޯވިޑްގެ އެކި ކަންކަމަށް 900 ބިލިއަން ޑޮލަރު ޚަރަދުކުރަން ހިމަނާފައިވާ އޮމްނިބަސް ބިލްއަށް އިދިކޮޅު ޑިމޮކްރެޓުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި މި ބިލްގައި ޓްރަމްޕް ތަމްސީލުކުރައްވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތަމްސީލުކުރާ ސްޓޭޓްތަކަށް އިތުރަށް އެހީ ދިނުމަށް ނިންމާފައި ވުމަކީ ތަފާތުކުރުމެއްކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

މި ފަރަޤު ކުޑަކުރުމަށްޓަކައި މި ބިލްއަށް އިތުރު 160 ބިލިއަން ޑޮލަރު އިތުރުކޮށް، ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮންނަ ސްޓޭޓްތަކަށްދޭ އެހީ އިތުރުކުރުމަށް ޑިމޮކްރެޓުން ދަނީ ވަކާލާތުކުރަމުންނެވެ.

އެމެރިކާގެ އިޤްތިޞާދަށް ކޯވިޑްއާ ގުޅިގެން ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާއިރު، ބަލި ކޮންޓްރޯލްކުރުމުގައި އަދި އިޤްތިޞާދަށް ލިބެމުންދާ ގެއްލުން ކުޑަކޮށްދިނުމަށް އެހީތެރިވުމުގައި އެޤައުމުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ. އެގޮތުން މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކޮށް އެހީ ފޯރުކޮށްދޭން ފެށި ނަމަވެސް މި ބަލިމަޑުކަމުގެ ސަބަބުން ކުރި އަސަރު އަންދާޒާކުރިވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އިތުރު އެހީ ފޯރުކޮށްދިނުމަށް ވަނީ މަޖުބޫރުވެފައެވެ.
މި މަސައްކަތުގެ ދަށުން އެމެރިކާ ސަރުކާރުން ވަނީ ކޯވިޑްގެ ސަބަބުން އަސަރުކުރި އެއަރލައިންތަކާއި ކުދި ވިޔަފާރިތަކަށް އަދި އާންމު ވަކިވަކި ފަރުދުންނަށް އެހީވުމަށް މަލްޓި ޓްރިލިއަން ޑޮލަރ ސްޓިމިއުލަސް ޕެކޭޖެއް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ޕެކޭޖްވެސް އަދި މިހާތަނަށް އައިރު ފާސްކުރެވިފައެއް ނުވެއެވެ.