ޚަބަރު

އަންނަ އަހަރު ހޯމް ސޯލާ ލޯނު ދޫކުރަނީ


އަމިއްލަ ގޭގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫއުގެ ދަށުން އަންނަ އަހަރު ހޯމް ސޯލާ ލޯން ދޫކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ ގޭބިސީތަކުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ ސޯލާ ޕެނަލް ހަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވާކަމަށެވެ. އެގޮތުން ބަޖެޓުގައި މިމަޝްރޫޢުގެ ދަށުން ޤާއިމުކުރާ 2 މެގަ ވޮޓަށްވާ ފައިސާ ހިމަނާފައިވާއިރު ބާކީ 8 މެގަ ވޮލްޓަށްވާ ފައިސާ އެހެނިހެން އެހީގެ ގޮތުގައި ހޯދުމަށް ނިންމާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ސަބަބުން ގޭބިސީތަކަށް ބޭނުންވާ ހަކަތަ މައި ގްރިޑުން ނުވަތަ އިންޖީނުގޭތަކުން ނެގުން މަދުކުރެވޭނެކަމަށެވެ. އޭގެ ސަބަބުން ހަކަތައަށް ދައުލަތުން ކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެކަން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ޙަސަން ފާހަގަކުރެއްވިއެވެ.

"ގޭގެ ފުރާޅުގައި ސޯލާ ހަރުކޮށްގެން ކަރަންޓު އުފެއްދުމަށް އަންނަ އަހަރު ލޯނު ދޫކުރާނެ. މީގެ ދަށުން 10 މެދަ ވޮލްޓްގެ ކަރަންޓު އުފެއްދުމަށް ލޯނު ދޭނެ."

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ޖައްވަށް ވިހަ ގޭސް އެއްވެސް މިންވަރަކަށް ބޭރުނުކުރާ ޤައުމަކަށް ހެދުމެވެ. ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ މިކަން ކުރުމަށް ރާއްޖެއަށް ބައިނަލްއަޤުވާމީ އެހީ ބޭނުންވާކަމަށެވެ. އެހެންނަމަވެސް އެފަދަ އެހީ ނުލިބުނު ނަމަވެސް ރާއްޖެއިން މިމަސައްކަތް ހުއްޓާނުލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިމަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން އެބަޖެހޭ ދުރު ރާސްތާ ޕްލޭންތަކަކާއި މެދު ރާސްތާގެ ޕްލޭންތަކެއްގެ އިތުރުން ކުރު ރާސްތާގެ ޕްލޭންތަކެއް އެކުލަވާލަން. އަދި މި ޕްލޭންތަކަކީ ސައިންސްގެ މައްޗަށް ބިނާކޮށް އެކުލަވާލާ ޕްލޭންތަކަކަށް ހަދަންޖެހޭ." މިިނިސްޓަރ ވިދާޅުވިއެވެ.

2015 ވަނަ އަހަރު ރާއްޖެއިން ވަނީ ޖައްވަށް ބޭރުކުރާ ގޭހުގެ 10 އިންސައްތަ އެމިޝަން މަދުކުރުމަށް އަމާޒުހިފާފައެވެ. މިހާރު ރާއްޖެއިން މިނިސްބަތް އިތުރުކޮށް 26 އިންސައްތައާ ހަމައަށް އެމިޝަން މަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގައި އެންމެ ބޮޑަށް ވިހަގޭސް ޖައްވަށް ބޭރުވަނީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތުންނެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރާ ތެލުގެ 60 އިންސައްތައަކީ ހަކަތަ އުފެއްދުމަށް އެތެރެކުރާ ތެލެވެ. މީގެ އިތުރުން ދަތުރުފަތުރަށް ރާއްޖޭގައި 40 އިންސައްތަ ތެޔޮ ބޭނުންކުރަމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ތެލަށް ކުރާ ހޭދަކުޑަކޮށް ތިމާވެއްޓާ ރައްޓެހި ވަޞީލަތްތަކަށް ހަކަތައާއި ދަތުރުފަތުރުގެ ނިޒާމު ބަދަލުކުރުމެވެ.