ޚަބަރު

ވަރކިންގ ގްރޫޕުގެ ލަފައާމެދު އަމަލުކުރާނީ ޤާނޫނުތަކާ އެއްގޮތަށް


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލާގައި އދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ފާޅުކޮށްފައިވާ ލަފަޔާމެދު އަމަލު ކުރާނީ ރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށް ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީ، ޑރ.އަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ. ޑރ.އަލީ ނަސީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނީ ތަރަޙައިގެ ތެރެއިން، މިކަމަށް ޙައްލެއް ގެނައުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ރާއްޖެއިން އަބަދުވެސް އިހުތިރާމްކޮށް ތަންފީޒު ކުރަމުންދާނޭކަމަށެވެ.އދ ގެ ވަރކިންގ ގްރޫޕްގެ ލަފަޔާއި ގުޅިގެން ދިވެހި ސަރުކާރަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އަމާޒު ކުރައްވާ ޑރ.ނަސީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނީ ނިޒާމްގެ ތެރެއިން މިމައްސަލަ ޙައްލު ކުރެވިގެންދާނޭކަން ކަށަވަރުކަމަށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލާގައި އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ފާޅުކޮށްފައިވާ ލަފަޔާ އެއްގޮތްވާގޮތުގެ މަތިން، ރައީސް ނަޝީދު މިނިވަން ނުކޮށްފިނަމަ ސަރުކާރާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އެކުވެރި ދައުލަތްތަކައް ބާރުއަޅާނޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމާއި ގުޅޭ ގޮތުން ޑރ. ނަސީރު ވިދާޅުވީ، އދ.ގެ އޮނިގަނޑުގެ ތެރޭގައި، މެމްބަރު ޤައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އުޞޫލްތަކެއް އޮންނަ ކަމަށާއި، އެހެނަމަސް ވަރކިންގ ގްރޫޕްގެ ލަފަޔަށް ބޯ ނުލަނބައިގެން، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނޭކަމަށެވެ.