ރިޕޯޓް

ކުޅުދުއްފުށީގެ ކުނީގެ މައްސަލަ : ލަސްތަކެއްނުވެ ހައްލެއް ލިބިގެންދާނެ


ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތެއް ނެތުމުގެ މައްސަލައެވެ. ކުނިކޮށި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނެތްއިރު އެންމެ އެދެވޭ ގޮތުގައި ކުނިކޮށި ބަލަހައްޓަމުން ނުދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ.

ކުނިކޮއްޓަށް ކުނިއުކާލުމުގައި އެއްވެސް އުސޫލެއް ހިފެހެއްޓިފައެއް ނުވެއެވެ. ކުނިކޮށީގެ 3 ދިމާލަކުން ވަދެ ކުނިއަޅާއިރު ގިނަ ފަހަރު ފެނިގެން ދަނީ ކުނިކޮށި އެތެރެއަށް ކުނި އެޅުމުގެ ބަދަލުގައި ސައިލަކުގައި ގޮސް ކުނި ކޮތަޅު އެ ހުރި ހިސާބަކުން އެތެރެއަށް އެއްލާލާތަނެވެ. ބައެއް ފަހަރު ޕިކަޕްތަކުންވެސް މިހެން އަމަލުކުރާތަން ފެނެއެވެ. ގިނަ ފަހަރު މިގޮތަށް އެއްލާލާއިރު ކުނިކޮތަޅު އޮންނަނީ އެތެރެއަށް ވަންނަ ހަދާފައިވާ މަގުގައެވެ. މިކަމުގެ ސަބަބުން ކުނި އުކާލަން އަންނަ ފަރާތްތަކުން ކުނިކޮށީގެ އެތެރެއަށް ވަނުމުގެ ބަދަލުގައި ދޮރުމައްޗަށް ކުނި އަޅާ ތަން ފެނެއެވެ. މިގޮތަށް ކުނިތައް އަޅާލުން މަގު ބަންދުވެ ވެހިކަލްތައް ދަތުރުކުރަން އުދަނގުވާވަރަށް ބައެއް ދުވަސްތަކުގައި ކުނިތައް މަގަށް އެޅިފައި އޮވެއެވެ. މިހެންވުމުން މުޅި ސަރަހައްދު އޮންނަނީ ގޮނޑަކަށްވެފައެވެ.

ކުނިކޮށީގެ ހާލަތު މިދަރަޖައިގައި އޮތްއިރު ރަށުގެ އެތަން މިތަނަށް ކުނިއަޅަމުންދާބަޔަކުވެސް އުޅެމުންދާކަން ހިތާމަޔާއެކު ފާހަގަކޮށްލަމެވެ. ކުނިމެނޭޖްކުރެވޭނެ ރަނގަޅު އިންތިޒާމެއް ނެތްނަމަވެސް ކުނިއުކާލުމަށް ވަކި ތަނެއްގައި ކުނިގޮޑެއް ހަދާފައި އެބައޮތެވެ. ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަށާއި ކުނީގެ ސަބަބުން ދިމާވާނެ އެހެން މައްސަލަތައް ހައްލުކުރުމަށް ކުނިކޮށްޓަށް ކުނިއުކާލުމަކީ މުހިންމުކަމެއްކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. އަދި ކުނިކޮށި ފިޔަވައި އެހެން ތަންތަނަށް ކުނި އުކާލާ މީހުން ކުނި އެއުކާލަނީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާ ކުޑަވުމުންކަމުގައި ބައެއް މީހުން ދެކެއެވެ.

"
"ބައެއް މީހުން ހަމަ ހޭލުންތެރިކަންކުޑައީ، ކަންފަސޭހައަށްވެސް ބައެއްމީހުން ކުނިއަޅާ"
އާންމު ރައްޔިތުން

ރަށުގެ ހުރިހާ ސަރަހައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ ރަށުގެ ރައްޔިތުންގެ ޒިންމާއަކަށްވާއިރު މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން މިގޮތަށް ކުރުން ހުއްޓާލުމަކީ މުހިންމުކަމެކެވެ. އެހެންނަމަވެސް އަމިއްލައަށް އެކަން ހުއްޓާނުލާނަމަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ނުވަތަ ޖޫރިމަނާއެއް ކުރުމަކީވެސް އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނެއެވެ.

"
"މިކަން ހައްލުވާނީ އެމީހުންނާދޭތެރޭ ފިޔަވަޅުއަޅާ ޖޫރިމަނާކޮށްގެން. ދާއިމީ ހައްލެއް ލިބޭނީ ކުނިމެނޭޖްކުރެވޭނެ ރަނގަޅު ގޮތެއްވެގެން"
އާންމު ރައްޔިތުން

އާންމު ފަރާތްތަކުގެ ހިޔާލް މިގޮތަށް ހުރިނަމަވެސް ކައުންސިލްގެ ހިޔާލް މިކަމުގައި ކޮންމެވެސް ވަރަކަށް ތަފާތެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ފިޔަވަޅުއަޅާ ޖޫރިމަނާ ކުރުމުގެ ބަދަލުގައި އެފަރާތްތަކަށް ނަސޭހަތްދީ ވިސްނައިދީގެން އެކަން ކުރުމަކީ ކައުންސިލުން ބޭނުވާގޮތްކަމުގައެވެ. އަދި މިހާރުވެސް އެގޮތަށް އެކަން ކުރާކަން މީހުން ފާހަގަކޮށް، ކައުންސިލްއަށް ހާޒިރުކޮށް ނަސޭހަތްތެރި ވަމުންދާކަމުގައި ވިދާޅުވިއެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ލިބޭނީ ކުޅުދުއްފުށީގައި ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ގާއިމް ކުރެވިގެންކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިހާރު ވަނީ ފައްޓަވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ ކުނިކޮށި ހުސްކޮށް ކުނިމެނޭޖްކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ކުޅުދުއްފުށީ ކުނިކޮށި ހުސްކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅު ވެމްކޯއާއެކު ކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެންވަރޔަރުމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ ކުނިކޮށި ހުސްކުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށާ 5 މަސްދުވަހުން އެމަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި ކުނިކޮށީގައި މިވަގުތު ހުރި ކުނިތައް އެއްކޮށް ހުސްކުރުމަށްފަހު އެތަނުގައި ކުނި މެނޭޖްކުރާނެ ސިސްޓަމެއް ގާއިމްކުރުމަށް ރާއްޖޭން ބޭރުން ފަންޑް ލިބިފައިވާކަމަށްވެސް މުރުތަޟާ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓްރީން ކުޅުދުއްފުއްޓަށް ހަދިޔާކޮށްފައިވާ އިންސިލިނޭޓަރ ކުޅުދުއްފުއްޓަށް ގެންގޮސް އިންސްޓޯލް ކުރުމަށްވެސް ދިވެހި ކުންފުންޏަކާއި ހަވާލްކޮށްފައިވާކަމަށް މުރުތަޟާ ވިދާޅުވިއެވެ.

މުރުތަޟާ ވިދާޅުވީ ކުޅުދުއްފުށީ ކުނިކޮށި ހުސްކުރުމަށްފަހު އެތަނުގައި ގާއިމްކުރާ ކުނި މެނޭޖްކުރާ ސިސްޓަމް ގާއިމް ކުރުމުން އެތަނުން ރީސައިކަލް ކުރުމާއި، ކާދު އުފެއްދުމާ އަދި މިނޫންވެސް އާމްދަނީލިބޭނެފަދަ ކަންކަން ކުރިއަށް ދާނެއެވެ. މިގޮތަށް މިކަން ފެށިގެންދާ ހިސާބަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ހިސާބެވެ.