ތަރައްްޤީ

ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައެޅުމަށް ސަޢޫދީ ސަރުކާރާއެކު މަޝްވަރާކުރަނީ


ކިންގް ސަލްމާން މިސްކިތް ހުޅުވާނެ އައު ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ކިންގް ސަލްމާން މިސްކިތުގެ ކޮންޓްރެކްޓްގައި ބަޔާންކޮށްފައި ހުރި ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތު ދިމާވިއިރު ސަރުކާރުން ދިޔައީ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާގުޅޭ ގޮތުން ސަޢޫދީ ސަރުކާރާއި ވާހަކަ ދައްކަވައި، މާރޗް މަހުގައި ހުޅުވުމަށް ތައްޔާރުވަމުންކަމަށެވެ.

އެހެން ނަމަވެސް ކޯވިޑް-19ގެ ހާލަތާ ގުޅިގެން މިހާރު އެކަން ލަސްކޮށްފައިވާކަމަށް އެ މިނިސްޓްްރީން ވިދާޅުވެއެވެ. އަދި އިސްލާމިކް މިނިސްޓްރީން މިދިޔަމަހު ހާމަކުރައްވާފައިވާ ގޮތަށް ކިންގް ސަލްމާން މިސްކިތް ހުޅުވާނެ އައު ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި، މިނިސްޓްރީ އޮޮފް ފޮރިންގ އެފެއާޒްއާއި ގުޅިގެން ސައުދީ ސަރުކާރާއި މަޝްވަރާ ކުރަމުންދާކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކުރަމުންދަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޞޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

މިސްކިތް ޒީނަތްތެރިކުރުމުގެގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.