ވެލާާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރު ދަތުރު ކުރާ ބައިނަލްއަގުވާމީ ހުރިހާ އެއަރލައިނެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައު ޓަރމިނަލަށް ބަދަލުކުރެވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ޖުލައި 26ގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ޓަރމިނަލް ހުޅުވި ނަމަވެސް އޮޕަރޭޝަންތައް ފުރަތަމަ ފަށަން ނިންމާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަނާއެކުގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާާމުގައި ވާހަކަދައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ޖުލައި 27ގައި މޯލްޑިވިއަނާއެކު އައު ޓަރމިނަލްގެ އޮޕަރޭޝަން ފެށުމަށްފަހު ފަހަރަކު އެއަރލައިނެއް އެ ޓަރމިނަލަށް ބަދަލުކުރާނެ ކަމަށެވެ. ފަހަރަކު އެއަރލައިނެއް ބަދަލުކުރަން ނިންމާފައިވަނީ ތަޖުރިބާކާރުންގެ ލަފަޔާއެކު، އައު ޓަރމިނަލްގެ އޮޕަރޭޝަން އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ މިއަހަރުގެ ފަތުރުވެރިންގެ ސީޒަން އަންނަންވާއިރަށް ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގުވާމީ ހުރިހާ އެއަރލައިނެއް އައު ޓަރމިނަލަށް ބަދަލުކުރެވޭނެ ކަމަށެވެ. އެގޮތުން، މިހާރު ނިންމާފައިވާގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއަރލައިނަކަށް ޚިދުމަތް ދޭނީ އައު ޓަރމިނަލުން ކަމަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަތުރުވެރިކަމަށް ޑިޕެންޑްވާ ޤައުމަކަށްވީމަ، މިކަމުގެ ތެރޭގައި އެއްވެސް މައްސަލައެއް އުޅެގެން ނުވާނެކަމަށް އެ ބޭފުޅުންވެސް (އޮރާޓް) ވިދާޅުވަނީ. އެހެން ނޫނީ ޤައުމަށް ލިބިދާނެއޭ ގެއްލުމެއް. އެހެންވީމަ އެކަން އެންމެ ސްމޫތުކޮށް ގެންދިއުމަށްޓަކައި ފަހަރަކު އެއަރލައިނެކޭ ގެންދާނީ،" އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ އައު ޓަރމިނަލަށް ހުރިހާ އެއަރލައިނެއް ބަދަލުކުރުމަށްފަހު މިހާރު ބޭނުންކުރާ ބައިނަލްއަގުވާމީ ޓަރމިނަލަށް ބަދަލު ގެނެސް، އެތަން ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރުމުގެ ވިސްނުން އެމްއޭސީއެލުން ގެންގުޅުއްވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކުރިއަށް އޮތް 40 އަހަރު ދުވަހު އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އައު ޓަރމިނަލާއި ސީޕްލޭން ޓަރމިނަލާ ދެމެދު ބޭނުންކުރާ ވެހިކަލްގެ އަދަދު މަދުކުރުމަށް ފިކްސްޑް ލައިނެއް ހެދުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. މި މަސައްކަތުގެ ފީސިބިލިޓީ ހެދުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވިއެވެ.